މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފި އެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް އުސޫލުން ނެވެ.
މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ. މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނަބުރާ ފައިސާ ދެއްކޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާއި އެއްގޮތަށް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
" މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއް. އަދި މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުންނަމަ ފައިސާ ނެގުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ." ޓީމް ސޯޔަރ ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަކީ މުސާރަ ލިބޭ ފަރާތްތަކާއި ރިޓަޔަރމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް %15 ރޭޓެއްގައި ދޫކުރާ ފައިނޭންސިންގ ފެސިލިޓީއެކެވެ. މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް %12 ރޭޓެއްގައި ފައިނޭންސިންގ ދޫކުރާނެ އެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް