ރާއްޖޭގައި ޖެހެނީ ފަޤީރުންގެ ފައިސާއިން މުއްސަނދިން ބަލަހައްޓަން ކަމުގައި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ މިހާރުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މި މޭރުމުން ވާހަަކަ ފުޅު ދައްކަވާފައި މިވަނީ މިއަހަރުގެ މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާގައި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ހޮޓެލް ޖެން ގައި 21 ދުވަހު ހުންނެވުމަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ، ދިވެހި ދައުލަތުގެ ބަޖެޓު ޚަރަދު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ދިރިއުޅުއްވަން ހަމަޖައްސާފައިވާ މުރައިދޫގެ ހުންނަ މަގު ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ އެ ސަރަހައްދުގައި މަޑުކޮށްގެން ތިބުމާއި އުޅަނދުފަހަރު ޕާކު ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ.
އެކަމަށް އިޝާރަތް ކުރައްވަމުން ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހުޅަނގުގެ މޮޅު ވާހަކަތައް ރައީސް ނަޝީދު ދައްކަވާއިރު އެތަންތަނުގެ މުއްސަނދިންގެ ޓެކްސް ފައިސާ އިން ސަލާމަތްކުރަނީ އެގައުމުތަކުގެ ފަޤީރު ރައްޔިތުން ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގައި ފަޤީރުންގެ ފައިސާއިން ބަލަހައްޓަންޖެހެނީި ރައީސް ނަޝީދު ފަދަ މުއްސަނދިން ކަމުގައި ވިދާޅުވެފައި ވެއެވެ.
މި ވެރިކަމުގައި އޮތީ މުޅިންވެސް ވެރިންނަށް މޮޅު ގޮތް ހޯދުންތޯ ސުވާލު ޑރ. ޖަމީލް ސުވާލު އުފައްދާފައި ވެއެވެ.
ދަޢުލަތުން މީގެ ކުރިން ރަަސްމީ ގެކޮޅު ހަމަޖައްސައި ދެނީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެެވެ. ނަމަވެސް މެއި ހައެއްގައި މަޖިލީހުގެ ރައީސަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ދައުލަތުގެ އިސްވެރިންނަށް ގެކޮޅު ހަމަޖައްސައިދޭން ޤާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. އެ ހަމަލާ ދިން އިރު ނަޝީދު ދިރިއުޅުއްވަމުން ދިޔައީ އަމިއްލަ ގެކޮޅު "ގ.ކެނަރީ" ގޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް