ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށްޓަކައި ސަރުކާރުގެ ޚަރަދުގައި ދޭ 20 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މިއީ މެލޭޝިއާގެ ޔުނިވަރސިޓީއަކުން، މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އަދި އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހޯދާފައިވާ ކަމަށެވެ.
މިސްކޮލަރޝިޕް ފުރުސަތުތަކަށް ހޮވޭ ފަރާތްތަކަށް އިނާޔަތްތައް ހަމަޖައްސައިދެވޭނެ ކަމަށާއި އެގޮތުން މިސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ކިޔެވުމުގެ ހޚަރަދާއި، ދެކޮޅު ޓިކެޓާއި، މުސާރައާއި އެއްވަރެއްގެ އެލަވެންސް ދޭނެ ކަމުގައިި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.
މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއި އެކު ސަރުކާރުގެ ސްކޫލެއްގައި ވަކި މުއްދަތަކަށް މަސައްކަތް ކުރުމަށް ބޮންޑް ކުރެވޭނެ ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ކިޔަވައި ދިނުމުގެ ދާއިރާއިން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަސް ޑިގްރީ ހާސިލް ކޮށްފައިވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއި އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަގާފައި ވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނު ޤަވާއިދުން ދައްކަމުން ދާ މީހެއް ކަމުގައި ވުން ހިމެނެ އެވެ. އަދި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ މީހެއް ކަމުގައި ނުވުން މި ޝަރުތު ތަކުގެ ތެރޭގައި ހިމެނެ އެވެ.
ސްކޮލަރޝިޕަށް މީހުން ނެގުމުގައި މާކްސްދޭ އިރު ބަލާނެ ކަންކަމުގެ ތެރޭގައި މަސައްކަތުގެ ތަޖުރިބާ އާއި ޕްރެޒެންޓޭޝަނަށް 30 ޕަސެންޓް ހިމެނޭހެން، އިންޓަވިއު އަށް 40 ޕަސެންޓް މާކްސް ދެވޭނެ އެވެ.
މި ސްކޮލަރޝިޕަށް ފުރުސަތުތަކަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި ފެށޭ ޑިސެންބަރު މަހުގެ 09 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް