ޗެމްޕިއަންސް ލީގު: ވިޔަރެއާލް ބަލިކޮށް ޔުނައިޓެޑް ގަދަ 16 އަށް

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި އަންގާރަ ދުވަހުގެރޭ ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗަސްޓަރ ޔުނައިޓެޑުން މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރުކޮށްފިއެވެ. ވިލަރެއާލްގެ ދަނޑުގ...

24 Nov 2021 | 04:00

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި އަންގާރަ ދުވަހުގެރޭ ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗަސްޓަރ ޔުނައިޓެޑުން މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ވިލަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ވިޔަރެއާލުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ވިޔަރެއާލުން ވަނީ ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަކަށް ވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގޯލް ކީޕަރު ޑެހެއާއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެސް ރަނގަޅަށް ކުޅެފައިވަނީ ވިޔަރެއާލުންނެވެ. އެގޮތުން މި ހާފުގެ ކުރީކޮޅު އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމާލާއެއް ފޮނުވާލާފައެވެ. ޓްރިގުއެރޯސް ފޮނުވާލި ނުރައްކާތެރި ބާރު ހަމަލާހެ ހުރަހަކަށް ވީ މިފަހަރުވެސް ކީޕަރު ޑެހެއާއެވެ.

ފަހު ހާފުގައި ޔުނައިޓެޑުން ގެނައި ދެ ބަދަލާއި އެކު އެޓީމުން ވަނީ ކުޅުން ރަނގަޅު ކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން ވިޔަރެއާލްގެ ފަހަތަށް ބާރު ބޮޑުކޮށް ޔުނައިޓެޑުން ވަނީ ހަމަލާތައް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ޔުނައިޓެޑަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ވިލަރެއާލްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން، ފްރެޑް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގައި ރޮނާލްޑޯ ކާމިޔާބު ކުރި ހަ ވަނަ ލަނޑެވެ. ރޮނާލްޑޯ ވަނީ މި ހާތަނަށް ޔުނައިޓެޑް ކުޅުނު ފަސްމެޗުގައިވެސް ލަނޑު ޖަހާފައެވެ.

ޔުނައިޓެޑުން ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ބްރޫނޯ ފެރްނާންޑޭޒް ދިން ޕާހަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޑަން ސަންޗޯ އެވެ. ރޭގެ މި މޮޅާއި އެކު ޔުނައިޓެޑުން ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް