މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ނުރައްކާތެރި ހަމަލާތަކެއް ދިން މައްސަލައިގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
އެ ހަމަލާގައި ޒަހަމްވެފައިވަނީ ރ. އުނގޫފާރު ހައްމާދު ނަމަކަށް ކިޔާ މީހަކަށެވެ. އޭނާއަށް ހަމަލާދިނުމުން އޭނާ ވަނީ ދޯނިން ފުންމާލައިގެން އއ. މާޅޮހަށް އަރާފައެވެ. އޭނާއަށް އެހީވީ އެރަށުން ބައެކެވެ. އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ދިން އެ ހަމަލާގައި ހައްމާދު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާއިރު ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި އެ މައްސަލައިގާ އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް ހައްމާދަށް ހަމަލާ ދިން އިރު އެ ދޯނީގައި ދޭއް ނުވަތަ ތިން މީހަކު ތިބިކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް