ޕްރިމިއާ ލީގު: ޔުނައިޓެޑް ގެ މައްޗަށް ތާރީޚީ މޮޅެއް ހޯދާ ލިވަޕޫލް ލީގުގެ ދެވަނައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ތާރީޚީ މޮޅެއް ހޯދާ ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ޔުނައިޓެޑ...

24 Oct 2021 | 18:58

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ތާރީޚީ މޮޅެއް ހޯދާ ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ލިވަޕޫލުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މުހައްމަދު ސަލާހު އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން ޖޮޓާ ވަނީ ލިވަޕޫލުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ޖޮޓާ ޖެހީ އަލެކްސަންޑަ-އާނޯލްޑް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުގައި ލިވަޕޫލުން އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކެއިޓާގެ އެހީތެރިކަމާއެކު ސަލާހު ކާމިޔާބު ކުރިއިރު، އޭނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ހަތަރު ލަނޑުގެ ލީޑެއްގައޮވެ މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ސަލާހު ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާ މި މެޗުގައި  ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި ލަނޑު ސަލާހު ކާމިޔާބުކޮށްފައިވަނީ ޖޯޑަން ހެންޑަސަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މި މެޗުގައި ކާމިޔާބު ކުރި ތިން ލަނޑާއި އެކު މިފަހަރުގެ ސީޒަނުގައި ސަލާހު ޖެހި ލަނޑުގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަދި މި މެޗުގައި ފުރިހަމަ ކުރި ހެޓްރިކާއި އެކު ސަލާހު ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ޔުނައިޓެޑުގެ ދަނޑުގައި ހެޓްރިކެއް ހެދި އިދިކޮޅު ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މެޗުގައި ޔުނައިޓެޑަށް މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ކުޅެން އެރުވި ޕައުލް ޕޮގްބާއަށް މެޗުގެ 60 ވަނަ މިނެޓުގައި ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ލިވަޕޫލުގެ ކެއިޓާއަށް ކުރި ޓެކުލަކާ ގުޅިގެން ޕޮގްބާއަށް ރެފުރީ އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފުރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ޔުނައިޓެޑު އަތުން ހޯދި މި މޮޅާއެކު ލިވަޕޫލް ވަނީ 21 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެއްވަނާގައި އޮތީ 22 ޕޮއިންޓާއި އެކު ޗެލްސީއެވެ.

ތިންވަނައިގައި އޮތީ 20 ޕޮއިންޓާއި އެކު މެންޗެސްޓާ ސިޓީއެވެ. ލިވަޕޫލް އަތުން ބަލިވި ޔުނައިޓެޑް ވަނީ މިރޭގެ ބައްޔާއި އެކު ތާވަލުގެ ނުވަ ވަނައަށް ވެއްޓިފައެވެ. އެޓީމު ނުވަ ވަނާގައި އޮތީ 14 ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް