ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ބާސާއާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.
ބާސާގެ ދަނޑުގައި މިރޭ ކުޅުނު ކްލެސިކޯ މެޗު ރެއާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި ރޮޑްރީގޯ ދިން ޕާހަކުން މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭވިޑް އަލަބާއެވެ. އަލަބާ އަކީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކް ދޫކޮށް ރެއާލަށް ބަދަލުވި ކުޅުންތެރިއެކެވެ. މިއީ އޭނާ ރެއާލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.
އަލަބާގެ ލަނޑުން ލީޑުގައި އޮވެ ރެއާލުން މެޗުގެ ފުރަތަމަ ހާފު ނިންމާލި އިރު، ރެއާލުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުުގެ ފުރިހަމަ ވަގުތު ހަމަވެ ދިން އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒެވެ.
ވަޒްކޭޒްގެ މި ލަނޑަށް ފަހު މާ ގިނައިރުތަކެއް ނުވެ ބާސާއިން ވަނީ މި މެޗުގައި ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ސާޖީނިއޯ ޑެސްޓް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ.
ބާސާ އަތުން ހޯދި މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމާއި ދެވަނައިގައި އޮތް ސެވިއްޔާ އަދި ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ލިބިފައެވެ. ރެއާލް އަށް ލީގުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ރެއާލް އަތުން ބަލިވި ބާސާ އޮތީ 15 ޕޮއިންޓާއި އެކު ތާވަލުގެ ނުވަވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް