ފުނަދޫއަށް އަރައި ފޭބުން މަނާކޮށްފި

ށ. ފުނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފުނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް...

24 Oct 2021 | 14:44

ށ. ފުނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފުނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

ފުނަދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެ ރަށުން ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. އަދި އެމީހާ ޕޮސިޓިވްވުމުން ކޮންޓެކްޓުވި މީހުން ޓެސްޓު ކުރަމުންދާއިރު އޭގެ ތެރެއިން އެކަކު ވަނީ ޕޮސިިވްވެފައިވެ އެވެ.

އެހެންވެ އިތުރަށް ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މި ކޭސްތަކުގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ނ. ކެނދިކުޅުދޫއިން އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޯވިޑަށް ޓެސްޓު ކުރި އިރު ވަނީ ޕޮސިޓިވްވެފައިވެ އެވެ. މި ކޭސް އާއި ގުޅުން ހުރި އިތުރު ބަޔަކު ޕޮސިޓިވްވެ ކެނދިކުޅުދޫވެސް އިއްޔެ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މިވަގުތު އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުންދަނީ ކ. ގުރައިދޫގަ އެވެ. އެ ރަށުގައި ކޯވިޑް ކޭސްތައް ފެންނަމުންދަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުޒަކާއި ގުޅުން ހުރި މީހުންގެ ގައިންނެވެ.

އިއްޔެ އެކަނި އެ ރަށުން 86 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ޖެންޑާ މިނިސްޓްރީން އެ މިނިސްޓްރީން ގުރައިދޫގައި ހިންގާ މަރުކަޒުގައި މިވަގުތު ކޯވިޑް ޖެހިފަ ތިބި112 މީހުން އެބަތިބި ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް