ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
މިއީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެގޮތުން މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިދަތުރުފުޅުގައި އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޔޫ.އޭ.އީގެ ސަރުކާރުން ދެއްވާ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން 26 އޮކްޓޫބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކަރއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކިއު.އެންޑް.އޭ ޕެނަލް އެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން އެދުވަހު ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. އަދި 27 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފަ އެވެ.
އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މިފަހަރު ކުރިއަށްގެންދަނީ 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 އަށް ދުބާއީގަ އެވެ. މި އެކްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2020 އިން 10 އެޕްރީލް 2021 އަށެވެ.
އެހެންނަމަވެސް ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން މި އެކްސްޕޯ ކުރިއަށްގެންދިއުން ލަސްކުރެވުނީ އެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީ ގެ ޝިއާރަކީ 'ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ' އެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް