މަހްމޫދުގެ މަރު: ތުހުމަތު ހަމައެކަނި އަލޮމަށް، ވަޅުލާފައި ހުއްޓާ ގިނަ ހެކި ހޯދި

އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއްގެ ބައިވެރިވުމެއްވާކަން ތަހުގީގަށް މިހާތަނަށް ފާހަގަނުވާކަމަށް...

24 Oct 2021 | 14:02

އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއްގެ ބައިވެރިވުމެއްވާކަން ތަހުގީގަށް މިހާތަނަށް ފާހަގަނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މަހްމޫދުގެ މަރާއި ގުޅޭގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އަލޮމް ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ހޯދައި ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރޭގައި މަހްމޫދުގެ ފޯނާއި އައިޑީކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

"މަހްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައެއް ނުވެއެެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމާއެކު އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މަހްމޫދު މަރާލައި ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެެއަށް ވައްޓާލާފައި އޮއްވާ ފެނުނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް