މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ނިމި، މޮޅުވި ބައިވެރިންނަށް އިނާމު ދީފި

މިއަހަރުގެ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕް 2021 ނިންމުގެ ރަސްމިޔާތުގައި ބާއްވާ، އެންމެމޮޅު ޚިޔާލުގެ ބައިވެރިންނަށް އިނާމު ހަވާލު ކޮށްފި އެވެ. މިފަހަރުގެ ކޭމްޕުގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 3...

24 Oct 2021 | 13:04

މިއަހަރުގެ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕް 2021 ނިންމުގެ ރަސްމިޔާތުގައި ބާއްވާ، އެންމެމޮޅު ޚިޔާލުގެ ބައިވެރިންނަށް އިނާމު ހަވާލު ކޮށްފި އެވެ.

މިފަހަރުގެ ކޭމްޕުގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 30 ޒުވާނުން ވަނީ ބައިވެރިވެފައިވާ އިރު،  ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ.

ބައިވެރިން ތަމްރީންކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީގައި، މީހުން ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ޚިޔާލުތައް ވަނީ ހުށަހަޅާފަ އެވެ.

ޖަޖުންގެ ޕެނަލް އަކުން ބެލުމަށްފަހު، ޖުމްލަ 10 ޙިޔާލުގެ ތެރެއިން ހޮވިފައިވާ 5 ހައްލަކީ؛

  • 1 ވަނަ: ހިތްވަރު – ފްރީލާންސަރުންނަށް އެމީހުންގެ ޚިދުމަތްތައް ދައްކާލާ އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު މި ޚިދުމަތްތައް ހޯދޭނެ ގޮތް މަގުފަހިކޮށްދޭނެ ޕްލެޓްފޯމެއް، އަދި އަށި – ފަންނުވެރިންނަށް ބަރޯސާވެވޭވަރުގެ އާމްދަނީއެއް ލިބޭނެ ރަނގަޅު ފުރުސަތުތަކާއި ވަސީލަތްތައް ހޯދައިދިނުމަށް ވާރޗުއަލް މާކެޓްޕްލޭސްއެއް އުފެއްދުން
  • 2 ވަނަ: ހުނަރުވެށި – އާންމުންނަށް ޕްރޮފެޝަނަލް ސްކިލްސް ދަސްކޮށްދީ މިފަދަ ތަމްރީނު ހޯދޭނެ ޕްލެޓްފޯމެއް
  • 3 ވަނަ: އިރުވައި – އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އާންމުންނަށް ފަސޭހައިން އަދި އަތްފޯރާ ފަށުގައި ފޯރުކޮށްދިނުން
  • 4 ވަނަ: ފަހި ކާނާ – ދުޅަހެޔޮ ޞިއްޙަތެއްގައި މުޖުތަމަޢުތައް ބިނާކުރުމަށްޓަކައި ދުޅަހެޔޮ ކާނާ ފޯރުކޮށްދިނުން

ކޭމްޕްގެ ބައިވެރިއެއްކަމަށްވާ އައިޝަތު އަޖުފާން ބުނީ ލޮކްޑައުންތަކަށް ފަހު މިފަދަ ކޭމްޕަކަށް އައިސް އެއްގޮތް ޚިޔާލުގެ އެހެން ޒުވާނުންނާއި ވާހަކަ ދައްކާލަން ލިބުމަކީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.

"ބައިވެރިންގެ ވަރަށް ރަނގަޅު ޚިޔާލުތަކެއް އެބަހުރި. އަދި މި ޚިޔާލުތައް ޙަޤީޤަތަކަށް ވާން މާލީ އެހީތެރިކަން ދޭނެ ފަރާތްތައްވެސް ތިބޭނެ. ހުރިހާ ބައިވެރިންނަށްވެސް ބުނެލަން ބޭނުންވަނީ މޮޅުވިޔަސް ނުވިޔަސް ތި ޚިޔާލުތައް ދޫކޮށްނުލާ ކުރިއަށް ދާށޭ." އަޖުފާން ބުންޏެވެ.

ޔޫ.އެން.ޑީ.ޕީ އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން 'މިޔަހެލި' ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެއްބާރުލުމާ އެކުގަ އެވެ.

މީގެ އިތުރުން މި އަހަރުގެ ކޭމްޕް ބާއްވާފައިވަނީ ޔޫތު ކޯ:ލެބް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އެއްބާރުލުމާއި، އޮސްޓްރޭލިޔާގެ ސަރުކާރާއި ޔޫރަޕިޔަން ޔޫނިއަން (އީ.ޔޫ.)ގެ މާލީ އެހީ ތެރިކަމުގެ ދަށުން ނެވެ.

މޮޅުވި ޓީމުތަކުގެ ޚިޔާލުތަކަށް އަމަލީ ސިފަގެނައުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް