ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު ޝުކުރުގެ ޓްވީޓެއް ކުރައްވައިފިއެވެ.
ރައީސް ޞާލިހާއި ނަޝީދު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ބެލެވޭ ގޮތުގައި ނަޝީދުގެ ޓްވީޓްގައި ޝުކުރު އަދާކުރެއްވީ މި ކަމުގެ މަޝްވަރާ ރައީސް ކުރެއްވުމުންނެވެ.
ރައީސް އޮފީހުން ބުނީ ރައީސް އާއި ނަޝީދުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާނި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ނަޝީދު އިސްވެ ހުންނަވައި ފައްޓަވާފައިވާއިރު އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
މީގެ ކުރިން ބޭއްވި ނޫސްސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުމަށް އެމަނިކުފާނު އިސްވެ ކުރައްވާ މަސައްކަތުގައި ކުރިއަށް ހުރި ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ އަދިވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވަނީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އެކަމަކު ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ކުރައްވާނީ ރައީސްއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ދާދި ފަހުން، ބަރުލަމާނީ ނިޒާމު ގެނައުމާއި ނަފްރަތުގެ ބިލުގެ މައްސަލަ ހޫނުވުމާ އެކު ކުރިން ނަޝީދު ވިދާޅުވެފައި ވަނީ ރައީސްއާ އެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ.
އެކަމަކު ބަރުލަމާނީއާ ގުޅޭ ގޮތުން މަޝްވަރާއަށް ތައްޔާރަށް ހުންނެވިކަން ހާމަކުރެއްވުމާ އެކު ސިޔާސީ ގުޅުން އަލުން ގާއިމްވީތޯ ނޫސްވެރިއަކު ދެންނެވުމުން ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ރައީސްއާ ވާހަކަ ނުދައްކަވައި ހުންނަވަން ނުވިސްނަވާ ކަމަށެވެ. އެއީ އެމަނިކުފާނަށް ކުރައްވަން ފަސޭހަ ކަމަަކަށް ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް އެކުލަވާލާ ބިލްތަކަށް ހެދުމަށް ވެސް ރައީސްއާ މަޝްވަރާ ކުރައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް