މަންދު ކޮލެޖަށް 15 މިލިއަނުގެ ބަދަލެއް ދިނުމުން ވެސް އިބްރާ ހިތްހަމައެއް ނުޖެހުނު، އިތުރު މައްސަލައެއް!

ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދީފައިވަނީ ހުކުމުގައި ބުނާ މުއްދަތަށް ވުރެ ފަހުން ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ...

24 Oct 2021 | 12:15

ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދީފައިވަނީ ހުކުމުގައި ބުނާ މުއްދަތަށް ވުރެ ފަހުން ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާކޮށްފި އެވެ.

އިބްރާ މި މައްސަލަ ހުށައެޅީ ސިވިލް ކޯޓަށެވެ. އަދި މި މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ ބަލައިގެންފައެވެ.

އިބްރާއާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި މައްސަލައާ ގުޅިގެން ދައުވާ ކުރީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށާއި އެފަދައިން އަމަލު ކުރީ ސަރުކާރުން ގާނޫނަށް ކިޔަމަންވާން ޖެހޭނެކަން އަންގައިދޭން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމް ކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޔާމީންގެ ސަރުކާރުގައި މަންދު ކޮލެޖު އަތުން އެމްއީއެސް އިމާރާތް ނެގީ 2015ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެތަނުގެ އެއްބަސްވުން ހަމަވުމުން އަލުން އެމްއީއެސް އެތަނުގެ ވެރިންނާ ހަވާލުކުރެވުނު ކަމަށާއި ނަމަވެސް އެމްއީއެސްގެ ވެރިން އަމަލުކުރީ އެއްބަސްވުމާއި ހިލާފަށް ކަމަށާއި އެއީ އެ އެއްބަސްވުމުގައި އެތަނުގައި ހިންގަންވާނީ ސްކޫލެއް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އޭރު އެޑިއުކޭޝަނުން ބުންޏެވެ. ނަމަވެސް އޭގެ ބަދަލުގައި އެ އިމާރާތުގައި ހިންގަމުން ދިޔައީ ކޮލެޖެއް ކަމަށާއި އެތަން އަތުލީ އެހެންވެގެން ކަމަށް އޭރު އެޑިއުކޭޝަނުން ބުންޏެވެ.

މިކަމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. އެގޮތުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެތެރެއިން 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ.

މި ފައިސާ މިހާރު ވަނީ ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް