އިނގިރޭސިވިލާތުގެ ޓައުނެއް ކަމަށްވާ ކޮލްޗެސްޓާގައި ކުއްތާއެއް ދަތް އެޅުމުން ވެރިމީހާ މަރުވެ ޅިއަނު ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.
މި ކުއްތާގެ ވެރިމީހާ އަކީ އުމުރުން 46 އަހަރުގެ ބެރީ ހެރިސް އެވެ. އޭނާ ކުއްތާ ގަނެފައިވަނީ ފޭސްބުކް ޕޭޖަކުން ލިޔެކިޔުމުގެ އެއްވެސް މަރުހަލާއެއް ފުރިހަމަނުކޮށެވެ.
ހެރިސް އެ ކުއްތާ ގަތީ 1،500 ފައުންޑު ދީފަ އެވެ. ޕޭޖުގައި ޖަހާފައިވާ ގޮތުން އެއީ އުމުރުން އެންމެ ފަސް މަހުގެ ކުއްތާއެއް ކަމަށްވިޔަސް އެ ކުއްތާ ގެއަށް ގެންދިއުމުން އެއީ އެއަށްވުރެ މާ އުމުރުން ދޮށީ ކުއްތާއެއްކަން އެނގުނެވެ.
ކުއްތާ ގަތް މީހާއަށް އޭތި ހަމަލާދިނީ ކުއްތާގެ އަނގައިގަ ތާށިވި ކަށިކޮޅެއް ނަގައިދޭން އުޅުމުންނެވެ. ހެރީގެ އަންހެނުން ޕައުލިން ޑޭ ބުނީ އެ ކުއްތާ އެ ދުވަހު ހެރީ އަތުގައި ވަކި އެޅީ ކަމަށާއި އިތުރު ކަމެއް ނުކުރާ ކަމަށެވެ. އަދި އެ ކަށިކޮޅު ނަގައިދޭން އުޅުނު އިރުވެސް އެމީހުންނަށް އެނގިފައި އޮތް ކަމަކީ ކުއްތާ ކާން އުޅޭ ގަޑީގައި އެތަނަކާއި ކައިރިވެއްޖެ ނަމަ އޭތި ހަމަލާން ދޭން މަސައްކަތް ކުރާ ކަމެވެ.
ޕައުލިން ބުނީ ހަމަ އެ ދުވަހު ހެރީ ހުން އަންނަން ފެށި ކަމަށެވެ. އަދި ޑޮކްޓަރަށްވެސް ދެއްކި ކަމަށާއި އެކަމަކު ތިން ދުވަސް ފަހުން ޖުލައި ފަހުކޮޅު ހާޓްއެޓޭކެއް ޖެހި މަރުވީ ކަމަށެވެ.
އެ ކުއްތާ ހެރީގެ ޅިއަނު މާކް ޑޭގެ ފައިގަ ދަތް އެޅީ ހެރީގެ ޖަނާޒާ ބޭއްވި ދުވަހު އެވެ. މާކްގެ އަންހެނުން މީޑިއާގައި ބުނީ ފިރިމީހާގެ ފައިގަ ކުއްތާ ދަތްއެޅުމާއި އެކު އޭނާ ބިން މައްޗަށް ވެއްޓުނު ކަމަށެވެ.
އެމީހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޮގަސްޓު މަހު ހުން ގަދަވެ ފައިގަ އެއްވެސް ހަރަކާތެއް ނެތް ކަމަށް ބުނަން ފެށުމުންނެވެ. އަދި ދެހަފްތާ ވަންދެން އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި ކުއްތާ ދަތް އެޅި ފައި ބުރިކޮށްލުމުގެ އިތުރުން އިންފެކްޓުވެ އަތުގެ ތިން އިނގިއްޔެއްވެސް ބުރިކޮށްލާފައިވާ ކަމަށް އޭނާގެ އަންހެނުން ބުންނެވެ. މާކްގެ ފައި ބުރިކޮށްލަން ޖެހުމުގެ ހާދިސާ އާއި ގުޅިގެން ހެދި ދިރާސާތަކަށް ފަހު ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހަށިގަނޑަށް ސީރިއަސް ބެކްޓީރިއާއެއްގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އެއީ ކުއްތާގެ ގައިގަ ހުރި އިންފެކްޝަނެއް އެ ދެމީހުންގެ ގަޔަށް އަރައިގެން އުފެދިފައިވާ ބެކްޓީރިއާއެކެވެ. އެ ކުއްތާ މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކާއި ހަވާލުކޮށްފަ އެވެ.
އެހެންވެ އެ އާއިލާއިން ވަނީ އޮންލައިންކޮށް ތަކެތި ގަތުމުގައި ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް