ރާއްޖޭގައި ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބަލައިގެންނަން ނިންމައިިފި

ޒިނޭގެ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގައި ޑީއެންއޭ ހަދައިގެން ލިބޭ ހެކި ބަލައިގަނެވޭނެކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ސްޕްރީމްކޯޓުން މި ގޮތަށް އަމަލު ކުރަން ފަށާ...

24 Oct 2021 | 09:55

ޒިނޭގެ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގައި ޑީއެންއޭ ހަދައިގެން ލިބޭ ހެކި ބަލައިގަނެވޭނެކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސްޕްރީމްކޯޓުން މި ގޮތަށް އަމަލު ކުރަން ފަށާފައި މިވަނީ މުހައްމަދު ތައުފީގު ކިޔާ މީހެއްގެ މައްޗައް ދައުލަތުން ކުރި ޒިނޭ ކުރުމުގެ ކުށުގެ ދައުވާ އުފުލަމުންނެވެ.

އެ މައްސަލައިގައި ދައުވާ ކުރި ފާތިމަތު ޝަމީމާ ކިޔާ މީހަކު ބުނެފައިވަނީ އޭނާ ވިހެއީ ތައުފީގުގެ ދަރިޔެއްކަމުގައެވެ. އަދި ޝަމީމާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭ އާއި ދިމާވެއެވެ. ނަމަވެސް މި ހާލަތުގައިވެސް ތައުފީގު ވަނީ ޝަމީމާ އާއި އެކު ޒިނޭ ކުރިކަމަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ދ. ކުދަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުން ނިންމަފައިވަނީ ތައުފީގުގެ މައްޗައް ކުށް ސާބިތު ނުވާ ކަމަށެވެ. އެއީ އިސްލާމްދީނުގައި ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ހަތަރު ފިރިހެނުންގެ ހެކި ބަސް ބޭނުންވާ ކަމަށް ބުނެއެވެ.

ނަމަވެސް މިއަދު ސްޕްރީމް ކޯޓުގައި ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވާ މި މައްސަލައިގެ ހުކުމް ބައްލަވާ ނިންމެވީ އިތުރު ހެއްކާއި އެކު ޑީއެންއޭ އަކީ ކުށް ސާބިތު ކުރުމަށް ބަލައިގަނެވޭނެ ހެއްކެއްކަމުގައެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ސުއޫދުގެ އިތުރުން ދެން ތިއްބެވި ފަނޑިޔާރުން ކަމުގައިވާ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ސުއޫދުގެ މި ހުކުމަށް ތާއީދު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް