ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރާ މީހާ ހައްޔަރުކޮށްފި އެވެ.
ޑައިރޯ އެންޓޯނިއޯ އުސުގާ (އޮޓޯނިއެލް) ނަމަކަށް ކިޔާ އެމީހާ ހައްޔަރުކޮށްފައިވަނީ އެގައުމުގެ އަސްކަރިއްޔާ އާއި ފުލުހުން ގުޅިގެން ވަޔާއި އެއްގަމު މަގުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ އެވެ. އޮޓޯނިއެލް ހައްޔަރުކުރެވުނުކަން އިއުލާނު ކުރެއްވީ ކޮލަމްބިއާގެ ރައީސް އިވާން ޑުކޭ އެވެ.
ގައުމީ ޓީވީ މެދުވެރި ކުރައްވާ ޑުކޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އޭނާ ހައްޔަރު ކުރެވުމަކީ މި ގަރުނުގައިވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް ހޯދުނު އެންމެބޮޑު ކާމިޔާބު ކަމަށެވެ. އަދި މިއީ ކޮލަމްބިއާގައި މި ވިޔަފާރިއަށް ދެވުނު ވަރަށް ބޮޑުގެއްލުމެއް ކަމަށެވެ.
އޮޓޯނިއެލް ހައްޔަރު ކުރީ ކޮލޮމްބިއާ އާއި ޕެނެމާ ގުޅޭ ބޯޑަރު ސަރަހައްދުން އެންޓިއޯކިއާ ޕްރޮވިންސްގައި މީހުން މަދު ހިސާބެއްގައި ފިލައިގެން އުޅެނިކޮށެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ކޮލަމްބިއާ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.
އޮޓޯނިއެލް ހައްޔަރުކުރެވިފައި މިވަނީ އޭނާ އުޅޭ ތަނަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 800،000 ޑޮލަރު ކޮލޮމްބިއާ ސަރުކާރުން ހުށަހަޅާފައި ވަނިކޮށެވެ. އެމެރިކާ އިން ވެސް ވަނީ އޭނާ ހައްޔަރު ކުރަން އެހީވާ ބަޔަކަށް ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
އޭނާ އަތުލައިގެންފަވަނީ މީހަކު ދިން މައުލޫމާތަކާއި ގުޅިގެން ކަމެއް ނޭނގެ އެވެ. އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލް ކޮލަމްބިއާ ސަރުކާރުން އަދި ހާމައެއްނުކުރެ އެވެ.
މަސްތުވާތަކެތީގެ އިތުރުން އޭނާ އަކީ ކްރިމިނަލް ގޭންގު ލީޑަރެކެވެ. މަޝްހޫރު ގޭންގު، ގަލްފް ކްލޭންގެ ލީޑަރުގެ ގޮތުގައިވެސް ހުރި އޮޓޯނިއެލް ހައްޔަރުކުރެވިފަ މިވަނީ މީގެ ކުރިންވެސް އޭނާ ހައްޔަރު ކުރުމަށް ނާކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފަ ވަނިކޮށެވެ.
އޮޓޯނިއެމްގެ ލީޑަރުގެ ކަމުގެ ދަށުން ގަލްފް ކްލޭން ގޭންގުން ވަނީ ވައްކަމާއި ފައިސާ ފޭރުމާއި އެއްގައުމުން އަނެއް ގައުމަށް މަސްތުވާތަކެތި އެެތެރެ ކުރުމާއި މައިންތަކުން ވަގަށް ރަން ނެގުމުގެ އެތައް ޖަރީމާއެއް ހިންގާފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ގޭންގުގައި 1،800 އަށްވުރެ ގިނަ މީހުން ތަމްރީން ހޯދައިގެން ހަރަކާތްތެރިވެ އެވެ. އަދި އާޖެންޓީނާ، ބްރެޒިލް، ހޮންޑޫރަސް، ޕެރޫ އަދި ސްޕެއިން އިން އެ ގޭންގަށް ނިސްބަތްވާ މީހުން ހައްޔަރުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް