އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ މެންޗެސްޓާ ޔުނައިޓެޑާއި މުހަންމަދު ސަލާހުގެ ލިވަޕޫލުގެ ކުރިމަތިލުމަކީ ދުނިޔޭގެ ކުލަބް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު މިހާރުވެސް އިންތިޒާރުކުރަމުން ގެންދާ އެންމެ ވަރުގަދަ ކުރިމަތިލުމަށް ވެގެންދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލް އަދި ޔުނައިޓެޑް މިރޭގެ ކުރިމަތިލުމަށް ތައްޔާރުވަމުން އަންނަ އިރު، މިރޭގެ މި މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ހިފުމަށް ވެގެންދާނެއެވެ. އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބާރުގެ ގޮތުގައި ބެލެވިފައިވާ ޔުނައިޓެޑާއި ލިވަޕޫލަކީ ޔޫރަޕްގެ ފުޓްބޯޅައި ގައިވެސް ވަރުގަދަ ދެ ބާރެވެ.
ޕްރިމިއާ ލީގުގެ ވެސް އެންމެ ކާމިޔާބު މި ދެ ކުލަބު ބައްދަލުކުރާ ކޮންމެ މެޗަކީ ވެސް އެންމެ ފާހަގަ ކޮށްލެވޭ އެންމެ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށް ވެގެން ދެއެވެ. އެގޮތުން މިރޭ މި ދެޓީމު ބައްދަލު ކުރާ މެޗަކީ ވެސް ފޯރިގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ.
މިރޭގެ މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނެ ދެ ކުޅުންތެރިންނަކީ ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މިރޭގެ މެޗުން ދެ ކުލަބަށްވެސް ނަތީޖާ ނެރުމުގައި އެންމެ އިސްދައުރެއް އަދާކުރާނެ ދެ ކުޅުންތެރިންކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލްގެ ބައްދަލުކުރުން ތަކުގެ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ މި ދެޓީމުގެ ކުރިމަތިލުން ފެށިގެން އައީ 1894 ވަނަ އަހަރު ކުޅުނު ޓެސްޓު މެޗަކުންނެވެ. އޭރު މި ދެ ކުލަބުވެސް ވާދަކުރަމުން އައީ އިނގިރޭސި ދެވަނަ ޑިވިސަންގައެވެ. އޭގެ ފަހުން މި ދެ ޓީމުވެސް އިނގިރޭސި ފުރަތަމަ ޑިވިސަނަށް ޕްރޮމޯޓްވެ ކުޅެން ފަށާފައިވަނީ 1906 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެއީ އިނގިރޭސި ފުރަތަމަ ޑިވިސަން މިހާރުގެ ޕްރިމިއާ ލީގެވެ. އެހިސާބުން ފެށިގެންވެސް މި ދެޓީމުގެ ވާދަވެރިކަން ބޮޑެވެ.
މިރޭގެ މެޗަކީ ލީގުގައި މި ދެޓީމު ބައްދަލުކުރާ 177 ވަނަ ލީގު މެޗެވެ. މި ދެޓީމުގެ ކުރީގެ ބައްދަލުވުންތަކަށް ބަލާއިރު، ލިވަޕޫލަށް ވުރެ ޔުނައިޓެޑް ކުރި ހޯދާފައިވާ މެޗުތަކުގެ އަދަދު އިތުރެވެ. އެގޮތުން މިހާތަނަށް މި ދެޓީމު ޖުމުލަ 176 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެތެރެއިން ޔުނައިޓެޑުން ލިވަޕޫލްގެ މައްޗަށް 68 މެޗުން ކުރި ހޯދާފައިވެއެވެ. ލިވަޕޫލަށް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދިފައިވަނީ 58 މެޗުންނެވެ. 50 މެޗު އެއްވަރުވެފައިވެއެވެ.
ޔުނައިޓެޑުން ލިވަޕޫލާއި ދެކޮޅަށް ހޯމްގައި 88 މެޗު ކުޅެފައިވާއިރު، އޭގެތެރެއިން 43 މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. 28 މެޗުން އެއްވަރުވި އިރު، 17 މެޗުން ވަނީ ބަލިވެފައެވެ.
ލިވަޕޫލުން ޔުނައިޓެޑާއި ދެކޮލަށް އެޓީމުގެ ހޯމްގައި 88 މެޗު ކުޅެފައިވާއިރު، އޭގެތެރެއިން މޮޅުވެފައިވަނީ 41 މެޗުންނެވެ. 22 މެޗުން އެއްވަރުވި އިރު، 25 މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ދެ ޓީމުގެ ހޯމް އެންޑް އަވޭގެ ހެޑް ޓު ހެޑަށް ބަލާއިރު، ކުރީގައި އުޅެނީ ޔުނައިޓެޑުކަން ފާހަގަކޮށްލަން ޖެހެއެވެ.
މި އަހަރު މި ދެޓީމު ލީގުގައި ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މި ދެޓީމު އެންމެ ފަހުން މިއަހަރުގެ މޭމަހުގެ 13 ވަނަ ދުވަހު ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު 2-4 އިން ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލުންނެވެ. ދެން މި އަހަރު މި ދެޓީމު ބައްދަލުކޮށްފައިވަނީ އެފްއޭކަޕްގެ ހަތަރުވަނަ ބުރުގެ މެޗެއްގައެވެ. މިއަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިވެޗުން 2-3 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޔުނައިޓެޑެވެ.
ލިވަޕޫލް އަދި ޔުނައިޓެޑްގެ ކާމިޔާބީތަކަށް ބަލާއިރު، ޔުނައިޓެޑުން 20 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވެއެވެ. ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހޯދިފައި ވަނީ 19 ފަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް