ނަރސިން އިން ދަ މޯލްޑިވްސް ފޯރަމް މިމަހު 26 އަދި 27 ގައި ބާއްވަން ނިންމާފައިފި އެވެ.
ނަރުހުން ގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ހަރުދަނާ ކުރުމަށް ފާހަގަ ކުރެވިފައިވާ ކަންކަމާއިބެހޭގޮތުން، ކަމާއިބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމުގެ މަގުޞަދުގައި ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މީރުމާ އެވަންޓްސް (ހ. ވައަލެޓް ގޯޅި) ގަ އެވެ. މި ބައްދަލުވުންތައް ފަށާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 ޖަހާ އިރު އެވެ.
މި ބައްދަލުވުމުގެ ތީމަކަށް ކަނޑައަޅާއިފައިވަނީ Narrowing the gaps: nursing policies, education and service” އެވެ.
މި ބައްދަލުވުމުގެ ފުރަތަމަ ދުވަހު ސީ. އެން. ވީ ގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ވެސް ވާހަކަ ދައްކާ އިރު، ތީމް ގައި ހިމެނޭ މައިގަނޑު 3 އޭރިއާ ކަމަށްވާ ނާރސިންގ ޕޮލިސީސް، އެޑިއުކޭޝަން، އަދި ސަރވިސް ގެ މައްޗަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ ޕްރެޒެންޓޭޝަންތަކަށް ފަހު، ޑްރާފްޓް އެކްޝަންޕްލޭނެއް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
ދެ ވަނަ ދުވަހު ކުރިއަށް ދާނީ ޑްރާފްޓް އެކްޝަން ޕްލޭން ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ރިވިއު ކުރުމަށްފަހު ހުށައެޅުމެވެ. މި ދުވަހު މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިފައިވާ އިރު، ބައްދަލުވުމަށް ކަމާއިގުޅުންހުރިދާއިރާތަކުން އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގެ ފަރާތުން މި ފޯރަމް ބޭއްވުމަށް ހަމަޖެހިގެން އައީ، ކޮވިޑް ޕެންޑަމިކްގެ ތެރޭގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން ނެވެ.
އޭގެ ތެރޭގައި އަތޮޅުތެރޭގައާއި، މާލޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޢާއްމު ފަރާތްތަކާއި އެކުގައިވެސް ބައްދަލުވުންތަކެއް ވަނީ ބައްވާފަ އެވެ. އަދި ކޮންމެ ބައްދަލުވުމެއްގައި ވެސް ނަރުހުންގެ ޚިދުމަތްތައް ރަނގަޅު ކުރަން ހުރި ވަރަށް ގިނަކަންކަން ފާހަގަ ކުރެވިފައި ވެއެވެ.
އެހެންކަމުން ސީ. އެން. ވީ ގެ ފަރާތުން ނިންމީ އެހުރިހާ ބައްދަލުވުންތަކުން ފާހަގަ ކުރެވުނު ކަންތައް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ވެސް އަޑު އިއްވޭނެ އިންތިޒާމެއް ހަމަ ޖެއްސުމެވެ. އަދި މިވިސްނުމުގައި ސީ. އެން. ވީ ގެ އެޑްވައިޒަރީ ޓީމާއި އެކުގައި މަސައްކަތް ކޮށްގެން، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ގެ އެހީ ގައި މި ފޯރަމް ބޭއްވުމުގެ މަގުފަހިވެގެން ދިޔައީ އެވެ.
މިފޯރަމްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލަނީ ނަރުހުންގެ ޚިދުމަތާއި ގުޅުން ހުރި ޕޮލިސީ، އެޑިއުކޭޝަން އަދި ނަރުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ކަންކަމާއި ގުޅޭގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް