ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެ މަރުކަޒުގެ މުވައްޒަފުންނާއެކު މަރުކަޒު ލޮކްޑައުންކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން ރޭ މެންދަމު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަރުކަޒު ލޮކްޑައުންކުރަން ނިންމައި، 23 އޮކްޓޯބަރ 2021 ހޮނިހިރުދުވަހުގެ އިރުއޮއްސި 6 ން ފެށިގެން، މަރުކަޒަށް މީހުން ވަދެ ނިކުމެއުޅުން ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.
"މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ޚިދުމަތްތެރިންގެ ޓީމުން ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗް.ޕީ.އޭ ގެ ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ކުރަމުންނެވެ." ޖެންޑަރ މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުންވަނީ ކޮވިޑަށް ޓެސްޓް ކުރެވިފައި ކަމަށާއި އަދި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ލިބެންޖެހޭނެ އެންމެންނަށް ވެސް ދަނީ ފަރުވާ ދެވެމުން ކަމަށެވެ. ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށާއި އަދި އެނޫން ފަރާތްތައް ވަނީ މަރުކަޒުގައި އައިސޮލޭޓް ކުރެވިފައި ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ގުރައިދޫ މަރުކަޒުގެ ކޮވިޑްގެ ހާލަތު އާންމު ހާލަކަތަކަށް އަބުރާ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވަނީ މިއަދު ހެނދުނު މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތް ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
އެ މަރުކަޒުން، ފާއިތުވި24 ގަޑިއިރުގެ ތެރޭގައި86 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ މަރުކަޒުން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިހާރު ވަނީ100 އިން މައްޗަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް