ކ. ގުރައިދޫގައި ހިންގަމުން އަންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ކޮވިޑުގެ ގިނަ ކޭސްތަކެއް ފެނިފައިވާއިރު އެ ރަށަށް ސިއްހީ އިތުރު ހިދުމަތްތެރިން ގެންދިއުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީން ރޭ މެންދަމު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މަރުކަޒުގައި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން އެ ރަށުގެ ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މެިކަލް އިކުއިޕްމަންޓާއި ކޮންޒިއުމަބްލްސް އަދި އެނޫންވެސް ވަސީލަތްތައް އެ ރަށަށް ޖަމާކުރުމުގެ މަސައްކަތް އިންތިޒާމު ކުރެވެމުންދާގޮތުގެ މައުލޫމާތު ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ހޯއްދަވައި، އިތުރަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށްގެންދާކަމަށެވެ.
" ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސައެހީއަށްބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ޚިދުމަތްތެރިން ގުރައިދުއަށް ދިއުމުގެ އިންތިޒާމު މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ." ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ރޭގައި ހާމަކޮށްފައިވާގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން، އިއްޔެ އެކަނި 86 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެ މަރުކަޒުން ޕޮޒިިޓިވް ޖުމްލަ އަދަދު މިހާރު 100 އިން މައްޗަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައިވާގޮތުގައި މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯސަލް ސަޕޯޓުދިނުމަށް މިކަމުގެ ތަމްރީނު ލިބިފައިވާ ދެ ސޯޝަލްވާކަރުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގައި ހަރަކާތްތެރިވާނެ އެވެ.
މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް ގެ ފަރާތުން ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދޭނެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިބި ބަލިމީހުންނަށް، ކޮންމެ ދުވަހަކު އެއް ފަހަރު މިނިސްޓްރީގެ ޓީމެއްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބަލިމީހުންނާއި ބެހޭ ތަފާސް ހިސާބުތައް ދެއްވާނީ އެޗް.ޕީ.އޭ އިންނާއި ގުރައިދޫގެ ސިއްހީ މަރުކަޒުން ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް