ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރު އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ގައުމަށް ދިޔައިރު އަންހެނުން މީރާ ރާޖްޕުޓް ލާފައި ހުރި ހެދުން ނިވާކަން ކުޑަކަމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.
ބޮލީވުޑް ފޮލޯ ކުރާ ޕަޕަރާޒީންނާއި ބައެއް ނޫސްވެރިން ވަނީ އިއްޔެ އެމީހުން އެނބުރި އިންޑިއާއަށް ގޮސް މުމްބާއީ އެއާޕޯޓުން ނުކުންނަ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފަ އެވެ.
ޝާހިދާއި ދެ ދަރިން ކަމަށްވާ މިޝާ ކަޕޫރާއި ޒައިން ކަޕޫރު ހުރީ ޖިންސް ލައި ވަރަށް ނިވާކަން ބޮޑު ހެދުން ތަކެއް ލައިގެންނެވެ. މީރާވެސް މަތިން ލައިގެން ހުރީ އަތް ދިގު ޓީޝާޓެކެވެ.
ފާޑު ކިޔުން އަމާޒުވަމުން ދަނީ މީރާ ލައިގެން ހުރި ސޯޓަށެވެ. އޭނާ ލައިގެން ހުރީ ކިރިޔާ ފޫކޮޅު ނިވާވާރުގެ ސޯޓެކެވެ.
މީރާއަށް ފާޑުކިޔަމުންދާ މީހުން ވަނީ އޭނާ އުޅެނީ އަނބުރާ ޅަދުވަސް ގެނެސްގެންތޯ އަހާފަ އެވެ. އަދި ބައެއް މީހުން ވަނީ ދަރިން ނިވާކޮށްފަ މަންމަ ހުރީ މުޅިން "ބަރަހަނާވެފައި" ކަމަށް ބުނެ ފާޑުކިޔާފަ އެވެ.
ނޫސްވެރިން އެއާޕޯޓު ކައިރިއަށް ފޮޓޯ އާއި ވީޑިއޯ ނަގަން ދާތީ މީރާމެން ފަދަ އަލަށް މަޝްހޫރުކަން ލިބިގެން އުޅޭ މީހުން އުޅެނީ ލާނެ ނުލާނެ ހެދުމެއް ނޭނގިގެން ކަމަށް ބުނެފަވެ އެވެ. އިތުރު ކޮމެންޓުތަކެއްގައި ބުނެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ ސްޓައިލް ކޮޕީ ކުރަން އުޅުނަސް އެއީ ތަންކޮޅެއް ބޮޑުވަރު ކަމަށެވެ.
https://www.instagram.com/p/CVVYSYmI2fZ/
މީގެ ކުރިންވެސް އާންމު ތަންތަނުގައި ކުރު ސޯޓު ލައިގެން އުޅޭތީ މީރާއަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެފަހަރުތަކުގަވެސް އާންމުން ވަނީ މީރާ ކުރު އެއްޗިހި ލަނީ އާންމުންގެ ސަމާލުކަން ހޯދައި މަޝްހޫރު މީހަކަށް ވާން ކަމަށް ބުނެފަ އެވެ.
މީރާ އާއި ޝާހިދު ކައިވެނިކޮށްފައިވަނީ ދެ އާއިލާ މެދުވެރިިވެގެންނެވެ. ކުރިން ބައްދަލުވެފައި ނުވާ ދެމީހުން ލޯބިވީވެސް ކައިވެންޏަށް ފަހު ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ފަހުން ކަމަށް ޝާހިދު ބުނެފައިވެ އެވެ.
މިހާރު މީރާއަށް ޝާހިދުއާއި އެއްވަރަށް އާންމުންގެ ސަމާލުކަން ލިބޭ އިރު އޭނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ނުފޫޒު ގަދަ މީހެކެވެ. އެހެންވެ މިފަހަކުން ގިނަ ބްރޭންޑުތަކެއް ޕްރޮމޯޓުކޮށް އެމްބެސެދަރުގެ ގޮތުގައިވެސް މީހާ ހަމަޖައްސަމުން ދެއެވެ.
މީރާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އިރު ރީތި ފޮޓޯތަކެއް ނަގައި އޭނާގެ ސަޕޯޓަރުންނާއި ހިއްސާކޮށްފަ އެވެ. އާއިލާ ޗުއްޓީ ހޭދަކުރީ ސޮނޭވާ ފުށީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް