ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ ހަތް ބޭފުޅަކަށާއި މިހާރުވެސް ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރެއްގެ އިތުރުން 19ވަނަ ރައްޔިތުން މަޖިލީހުގެ 16 މެންބަރަކަށް ލިބިވަޑައިގެންފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ ހަތް ބޭފުޅަކަށް ލިބިލައްވާފައިވާއިރު މިހާރުވެސް ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރަކަށް އެ ފައިސާ ލިބިލައްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ 18ވަނަ ރައްޔިތުން މަޖިލީހުގެ 44 މަޖިލިސް މެންބަރަކަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބިލައްވާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު 18ވަނަ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީތަކަށް އެމްއެމްޕީއާރްސީގެ ފައިސާ ހަރަދު ކޮށްފައިވާއިރު މަޖިލިސް އިންތިހާބުގެ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިންތަކަށް ވެސް އެ ފައިސާ ހަރަދު ކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ 18ވަނަ ރައްޔިތުން މަޖިލީހުގައި ނެގިގެން ދިޔަ ބޮޑެތި ވޯޓުތައް ކާމިޔާބު ކުރުމަށް އެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުން ހުއްދަ ކުރާ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކުރުމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް