އިސް މެޖިސްޓްރޭޓު ރާގިބުގެ ތުހުމަތުތައް ޖޭއެސްސީން ދޮގުކޮށްފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރުމަށް ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސ...

24 Oct 2019 | 12:28

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރުމަށް ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން)އާ ގުޅޭ ގޮތުން ރާގިބު ދައްކަވާފައިވާ ވާހަކަތައް އެ ކޮމިޝަނުން ދޮގު ކޮށްފިއެވެ.

އިސްތިއުފާ ދެއްވުމަށް ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ރާގިބު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީން ބެލީ ޒާތީ ތައައްސަބުން ފުރިގެން ތިބެ، އޭނާގެ ދިފާއުގައި ތަފްސީލީ ޖަވާބެއް ދިނުމުގެ ފުރުސަތެއްވެސް ނުދީ ކަމަށެވެ.

ރާގިބުގެ ވާހަކަތައް ދޮގުކޮށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާގިބު ޖޭއެސްސީއަށް ކޮށްފައިވާ އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. ޖޭއެސްސީން ބުނެފައިވަނީ މައްސަލަ ބަލާ ތަހުގީގު ކުރިއިރު ރާގިބަށް ދޭން ޖެހޭ ހުރިހާ ހައްގުތަކެއް ދީފައިވާ ކަމަށެވެ. އަދި ރާގިބާއި ސުވާލު ކުރައްވާފައި ވާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި އެ ހުރިހާ ފުރުސަތުތަކެއް އޭނާއަށް ދީފައިވާނެ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ. ޖޭއެސްސީން ބުނީ ކ. ޖުޑީޝަލް ކުރީގެ އިސް މެޖިސްޓްރޭޓު ރާގިބު މަގާމުން ވަކި ކުރުމަށް ނިންމީ އެ ކޮމިޝަނުން ބެލި 8 ސުލޫކީ މައްސަލައެއް އޭނާގެ މައްޗަށް ސާބިވާތީ ކަމަށެވެ.

ރާގިބުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަތައް: 

  • ކޯޓުގައި މަސައްކަތް ކުރާ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާކުރި މައްސަލަ
  • ކ. ތުލުސްދޫ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައި ކ. ދިއްފުށީ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައި އެ ގަޒިއްޔާތަކުން ކޮށްފައިވާ ހުކުމްތަކަށް ބަދަލުގެނެސް ޝަރުއީ ލިޔެކިއުމަށް ބަދަލު ގެނެސްފައިވާ މައްސަލަ
  • ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެއްފަރާތާ ގާތް ގުޅުމެއް ބާއްވާ މައްސަލަ
  • ކޯޓުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި، މުވައްޒަފުން ލައްވާ މަޖުބޫރުން މުވައްޒަފުން ޒިންމާއިން ބޭރުން މަސައްކަތް ކުރުވުން
  • ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ފަރާތްތަކަށް ތާއީދު ހޯދުމަށް އަމަލީ ގޮތުން ހަރަކާތްތެރިވި މައްސަލަ
  • ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އިދާރީ ހިންގުމުގެ އުސޫލާއި ހިލާފަށް އަތޮޅުގެ އިދާރީ ކަންކަން ބައްޓަންކޮށް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅާ މައްސަލަ
  • ކ. ތުލުސްދޫ ކޯޓަށް ހުށަހެޅުނު ކައިވެނީގެ މައްސަލައެއްގައި ހިމެނޭ އަންހެން ކުއްޖެއްގެ ނުރުހުމުގައި އެކުއްޖާގެ ކައިވެނި ކޯޓުގައި ކުރުވުމަށް މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ
  • ބިދޭސީ އަންހެނަކު ތުލުސްދޫއަށް އޭނާއާއެކު ގެންގޮސް ފަނޑިޔާރުންގެ އަދަބާއި ހިލާފު އަމަލުތައް ހިންގުމުގެ މައްސަލަ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް