ބިޑު ކުރުމަކާއި ނުލާ މަޝްރޫއުތައް ހަވާލު ކުރުމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފު ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.
އޭސީސީން މިއަދު ބުނީ ބިޑްކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހްތިމާލް އޮތް ކަމެއް ކަމަށެވެ.
އަދި އެކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫޙާ ހިލާފަށްކުރާ، ކޮރަޕްޝަންގެ ހިރާސްއޮތް ކަމެއް ކަމަށާއި އެއީ އެ ކޮމިޝަނުން ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭސީސީން ބުނީ ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.
ގުޅިފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމަށް ބިޑަކާ ނުލައި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަށް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ބަލަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏަށް ދިނުމަށް ކަނޑައެޅީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން ކަމަށެވެ. އެ މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރީ 53 މިލިއަން ޑޮލަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް