ފަނޑިޔާރު ކަމުން ރާޣިބު އިސްތިއުފާ ދެއްވައިފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާގެ އިސްތިއުފާ ސިޓީގެ ކޮޕީއެއް ދުވަހަށް ލިބިފައިވެއެވެ. ޖޭއެސްސީއަށް އެޑްރެސްކޮށް ފޮނުވާފައިވާ ...

24 Oct 2019 | 04:22

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާގެ އިސްތިއުފާ ސިޓީގެ ކޮޕީއެއް ދުވަހަށް ލިބިފައިވެއެވެ.

ޖޭއެސްސީއަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ އޭނާ އާއި ބެހޭގޮތުން ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލާފައިވަނީ ޒާތީ ތައައްސުބުން ފުރިގެންތިބެ ހުދުމުހުތާރުކަމާއި އަނިޔާވެރިކަން އިސްކޮށްގެންތިބެ ކަމަށެވެ.

އިސްތިއުފާގެ އެ ސިޓީގައި ބުނެފައިވަނީ އޭނާގެ މައްޗަށް ހެކިބަސް ދީފައިވާ މީހުންނަކީ މަގާމުގެ ހައިސިއްޔަތުން އެ މުވައްޒަފުންގެ މައްޗަށް ބަސްބުނެ، އަދި ތަކުރާރުކޮށް ނުކިޔަމަންތެރި ވެފައިވާތީ ނަސޭހަތާއި އިންޒާރުދީ އަދި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓަށް ތަކުރާރުކޮށް ވަޒީފާއިން ވަކިކޮށްދިނުމަށް ޗިޓް ފޮނުވާފައިވާ ނުކިޔަމަންތެރި މުވައްޒަފުން ކަމަށެވެ.

"އެވާހަކަވެސް ހިމަނާފައިވާއިރު މީގެ އެއްވެސް ކަމަކަށް ބައްލަވާފައިނުވާތީއާއި، ސިޔާސީ ޕާޓީގެ ލޯގޯ އާއި، ޕާޓީގެ ކުލަ ވިއްކައިގެން ކޮމިޝަނަށް އައިސް ތިއްބެވި މެމްބަރުންތަކެއް ހިމެނިފައިވާ އަދުލުވެރިކަން ގެއްލިފައިވާ ޖޭއެސްސީއަކުން ނިންމާފަ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނިންމުމަށް ކުލަ ޖައްސަލަ މިއަދު އޮތް މަޖިލީހަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ވަކި ކުލައަކުން ޖަރީވެފައިވާ މަޖިލީހަކަށް ވާތީ މި ރާއްޖޭގެ މިއަދު އަދުލު އިންސާފެއް ނުލިބޭނެކަމަށް ޔަގީންވާތީ 27 އަހަރާއި 09 މަސް ވަންދެން އަޅުގަނޑު އަދާކުރަމުން އަންނަ ކ. ޖުޑީޝަލް ދާއިރާގެ އިސް މެނޖިސްޓްރޭޓް ކަމުގެ މަގާމުން އަޅުގަނޑު، މާލެ، ދަފްތަރު ނަންބަރު ރސ 13410 މުހައްމަދު ރާޢިބު އަހުމަދު އިސްތިއުފާ ދީފީމެވެ" އިސްތިއުފާގެ އެ ސިޓީގައި ބުނެފައިވެއެވެ.

އިސްތިއުފާގެ މި ސިޓީއާއި ގުޅޭގޮތުން، ޗައިނާގައި މިހާރު ހުންނެވި ރާޣިބު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ އާއި ދެކޮޅަށް ބެލި މައްސަލައަކީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއިވެސް ދެކޮޅަށް ބެލި މައްސަލަކަމަށާއި ނަމަވެސް ގާޒީ ހަސަން ސައީދަށް ދިނީ ޕްރޮމޯޝަން ކަމަށެވެ. އެހެންކަމުން އަނިޔާވެރިކަމުގެ ދަށުގައި ހުންނަން ބޭނުން ނުވާތީ އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާޣިބު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ވަނީ ހުށަހަޅާފައެވެ.

ފަނޑިޔާރު ކަމުން ރާޣިބު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައި މިވަނީ އޭނާގެ ސުލޫކީ މައްސަލަ ބެއްލެވުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީން އެ މައްސަލަ ރާޣިބުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް