ބަދަލުވީ ވެރިން، ކުޅެނީ ހަމަ އެއް ޑްރާމާއެއް!

ހަނދާނަށް އަންނަނީ 2015ވަނަ އަހަރެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަތައް ފެންމަތިވެ، އޭރު ސަރުކާރާ ދެކޮޅަށް ތިބި މީހުން ކެކި އުތުރި އ...

24 Oct 2019 | 03:51

ހަނދާނަށް އަންނަނީ 2015ވަނަ އަހަރެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަތައް ފެންމަތިވެ، އޭރު ސަރުކާރާ ދެކޮޅަށް ތިބި މީހުން ކެކި އުތުރި އަރާ ސަރުކާރަށް ފާޑު ކިޔުން އިތުރުވެގެން ދިޔަ ދުވަސްވަރެވެ. އަދި ހަމައެއާއެކު އެ މައްސަލާގައި ހިމެނޭ އެތައް ބަޔަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރެވެން ފެށި ދުވަސްވަރަކީވެސް ހަމަ އެ ދުވަސްވަރެވެ. ނަމަވެސް މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް ސަރުކާރުން އޭރު ދިޔައީ ތަފާތު އެކި ޑްރާމާތައް ކުޅެމުންނެވެ. ބޮޑަށް ކުޅެމުން ދިޔައީ ބޮމުގެ ކުޅިވަރުތަކެވެ. އެ ދުވަސްވަރު ވެގެން ދިޔައީ އާދަޔާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުން ގޮވާ ޒާތުގެ ތަކެތި ފެންނަމުން ދިޔަ ދުވަސްވަރަކަށެވެ.

މިއަދު މިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި ރައްޔިތުން އެދޭ ވެރިކަމެއް އަނެއްކާވެސް އައިސްފައެވެ. މި ވެރިކަމަށް އަހަރެއް ވާން ގާތްވެފައި ވަނިކޮށް ކުއްލިއަކަށް ފެންމަތިވެގެން ދިޔައީ މި ސަރުކާރާއި ދެކޮޅު ޕާޓީތަކުން އަބަދުވެސް މި ސަރުކާރުގެ ވެރިންނާއި ދިމާލައް ގޮވަމުން ދިޔަ "ލާދީނީ" ލަފްޒުން އައި މައްސަލައެކެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ކިޔާ އަމިއްލަ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައިވާ ވާހަކަތަކެވެ. އިސްލާމްދީނަށާއި ކީރިތި ރަސޫލާއާ ފުރައްސާރަކޮށް ބަދުބަސް ބުނެ ނެރެފައިވާ މި ރިޕޯޓުގެ ވާހަކަތައް ފެންމަތިވެގެން އައީ ސަރުކާރުން އުއްމީދުވެސް ނުކޮށް ހުއްޓައެވެ.

ގިރުވާން ކޮޅަށް ޖަހާލައިގެން ހުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ނިތްކުރިން ދާ ތިކިތައް އޮހެން ފެށީ މާޒީއާ އެކުވެގެންނެވެ. ރައީސް ނަޝީދުގެ ސަރުކާރު ވެއްޓެން ދިމާވި އެންމެ ފުރަތަމަ ސަބަބަކަށްވީ ދީނީ ހަތިޔާރު ހިފައިގެން ސިޔާސީ މީހުންނާއި އެކު އާއްމު ރައްޔިތުން ނިކުތުމެވެ. އޭރު ރާއްޖޭގެ ތާރިހުގައިވެސް އެންމެ ގިނަ މީހުންނާއި އެކު 23 ޑިސެމްބަރުގައި ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އެއްވުން ދިވެހި ރައްޔިތުން ހަނދާން އައު ކޮށްލާށެވެ. މި ސަރުކާރުން ވެރިކަމަށް އައީ މާޒީގެ އިބުރަތްތެރި ފިލާވަޅުތައްވެސް ދަސްކޮށްގެންނެވެ. ނަމަވެސް ސަރުކާރަށް ނޭނގި ތިއްބާ އަމިއްލަ ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި ސަރުކާރު އިންޖީނުގައި ހުޅު ހިފައިފިކަން ކަށަވަރެވެ.

އަލިފާންގަނޑު އިތުރަށް ބޮޑުވާން ފެށީ މި މައްސަލާގައި ސަރުކާރަށް ސަނާ ކިޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކުރި ދީނީ އިލްމުވެރިން މިކަމުގައި ސަރުކާރަށް ފާޑު ކިޔަމުން ދިއުމުންނެވެ. ޕްރެޝަރު ބޮޑުވެ އިސްލާމިކް މިނިސްޓަރަށް އެ ރިޕޯޓު ތަހުގީގު ކުރަން ފުލުހުންނަށް އެންގުނެވެ. އެވަރުން ނިމުމެއް ނައެވެ. އެންމެފަހުން ޔޫތު މިނިސްޓްރީއަށް ޖެހުނީ އެ ޖަމިއްޔާ ސަސްޕެންޑުވެސް ކުރާށެވެ.

ނަމަވެސް ރައްޔިތުން ބުނަމުން ދަނީ އެ ޖަމިއްޔާ އުވާލުމަށެވެ. އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮށް ފިޔަވަޅު އެޅުމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މައްސަލަ ތަހުގީގު ކުރަމުންދާ ވާހަކައެވެ. އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކައެވެ. ކަން މިހެއް ހުއްޓާ ސަރުކާރަށް ލިބިފައިވާ ތާއީދު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވާން ފެށީ ރާއްޖޭގެ އެކި ރަށްތަކުގައި މި ދެންނެވި އެމްޑީއެންއާ ދެކޮޅަށް ބޮޑެތި އެއްވުންތައް ބާއްވާ ކުދި ބޮޑު އެންމެން އަޑު އުފުލަމުން ދިއުމުންނެވެ.

އާއިލީ ގޮތުން ގާތް މީހުންނާއި އެކި ގޮތް ގޮތުން ގާތް މީހުންނަކީ މި ދަންނަވާ އެމްޑީއެންގެ ބޮޑުންނެވެ. ކޮންމެވެސް އިރެއްގައި އެ ޖަމިއްޔާގައި މަސައްކަތް ކޮށްފައި ތިބި މީހުންނެވެ. އެހެންކަމުން ސަރުކާރަށް މި ދެންނެވި ފަރާތްތަކަށް ފިޔަވަޅު އަޅަން ލަސްވެގެން ދިއުމަކީ ގަބޫލު ކުރެވޭ ހަގީގަތެކެވެ. އެހެންކަމުން ސަރުކާރަކުން މިފަދަ ހައްސާސް މައްސަލައެއްގެ ފޯކަސް ގެއްލުވާލަން ކޮންމެވެސް އުކުޅެއް ކުޅޭނެއެވެ. އެކަން ރަނގަޅަށް ބަލާ ދިރާސާ ކޮށްފިނަމަ މިދިޔަ ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީ ފުދޭނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެ ކޮމެޓީއަށް ހާޒިރު ކުރެއްވީ ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ވައްކަން އެމްއެމްޕީއާރްސީގެ އޮޑިޓު ރިޕޯޓާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ. އެކަމަނާ ވަޑައިގެން އެންމެ ފުރަތަމަ ވެސް ވިދާޅުވި ވާހަކައަކީ ބޮޑު ބްރޭކިން ނިއުސްއެއްގެ ގޮތުގައި މީޑިއާތަކަށްވެސް ފާހަގަވެގެން ދިޔަ ހަބަރެކެވެ. އެއީ އެމްއެމްޕީއާރްސީގެ ވާހަކަ އެކަމަނާއަށް ކޮމެޓީގައި ދެކެވޭނީ ކޮމެޓީ ސިއްރު ކޮށްގެން ކަމަށެވެ. ސަބަބަކީ އެ ކޮމެޓީގައިވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ތިއްބެވުމުންނެވެ. އަދި މިހާރު ސަރުކާރުގެ ވަޒީރުންނާއި އަދި ފަނޑިޔާރުންވެސް ތިއްބެވި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެހާ ހިސާބުން "އެމްޑީއެންގެ އަޑު ކެނޑި" "އެމްއެމްޕީއާރްސީ ހިޔާތާނުގެ ފައިސާ ޖެހުނު މީހުން ހައްޔަރުކުރޭ" މި ހޭޝްޓެގަށް ސޯޝަލް މީޑިއާ ބަދަލުވެގެން ދިޔައެވެ. އެކަމާއި ގުޅިގެން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިގެން ދިޔައެވެ.

މިކަމާއި ގުޅޭގޮތުން ""ދުވަސް"އާ ވާހަކަދައްކަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައާ އަދި އެނޫންވެސް އެހެން ކަންކަން މަޖިލިސް ތެރެއިން ކުރަމުން ދަނީ ރައްޔިތުންގެ ހަގީގީ ޝަކުވާއަށް އެއްވެސް ވަރަކަށް އިޖާބު ނުދީ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ އެމްޑީއެންގެ މައްސަލައެވެ. އެމްއެމްޕީއާރްސީގެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންސުރެ ބަލާ ތަހުގީގު ކުރަމުން އަންނަ މައްސަލައެއްކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެމްޑީއެންގެ މައްސަލަ އޮއްބާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެކަންތައް އޮއްބާލުމަށްޓަކައި ހުށަހެޅު މައްސަލައެއް އެ ކުއްލި މައްސަލައަކީވެސް. އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ހާމަ ކޮށްދޭށޭ ކިޔާފައި މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެމުން އެއީ ކުއްލި މައްސަލައަކަށް ވާނެ ހަމަ އެއްވެސް ގޮތެއް ނެތް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެމްޑީއެން އުވާ ނުލައިގެން ކަމަށެވެ. އެމްއެމްޕީއާރްސީގެ ވާހަކަ ދައްކާ ކަމަށްވާނަމަ ސަރުކާރު ވެރިކަމަށް އައީ ކޮން ފައިސާއަކުންތޯ ވެސް ހޯދާ ތަހުގީގު ކުރަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ހުށަހެޅި ބިލުތަކަށް އެމްޑީޕީގެ މެންބަރުން އެއް ގޮތަކަށްވެސް ވޯޓު ދީފައި ނުވާއިރު ބައެއް ބިލުތަކަށް ވޯޓު ދީފައިވާ ގޮތަކީވެސް ބަލާލުން ރަނގަޅު ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިކަމާއި ގުޅޭ ގޮތުން ވިދާޅުވީ ގައުމަކަށް ވެވޭނެ އެންމެ ބޮޑު ހިޔާނާތަކީ ދީނަށްވެވޭ ހިޔާނާތް ކަމަށެވެ. ވައްކަމުގެ މައްސަލަތަކާއި މަރުތަކުގެ ވާހަކަތައް ނަގައިގެން އެކަން ވެސް ތަހުގީގު ކުރަންވީ ކަމަށާއި ނަމަވެސް އެއަށްވުރެ ދިވެހި ރައްޔިތުން ކަންބޮޑުވާ މައްސަލައަކީ ވެސް އެމްޑީއެންގެ މައްސަލަ ކަމަށެވެ. އަދި ދީނީ މައްސަލަތަކުގެ ސަބަބުން އިންތިހާއަށް މިއަދު ނުރައްކާ އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަމާއި ގުޅިގެން ވަރުގަދަ ގާނޫނެއް ފާސްކޮށްފައި ދިނީމަވެސް ފިޔަވަޅެއް ނޭޅެ. އަޅުގަނޑުމެންނަކަށް ނޭނގެ ކޮން ކަމެއް ނުކުރެވިގެން ކަމެއް މިއުޅެނީކީއެއް. މަޖިލީހުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް އެނގެނީ ނަތީޖާ ނުނިކުންނަކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންސާފުގެ ވާހަކަދައްކާއިރު އެންމެ ފުރަތަމަ އިންސާފު ހޯދައިދޭން ޖެހޭ މައްސަލައަކީ ގާނޫނު އަސާސީގައި ބުނެފައިވާ ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށްބުނާ މާއްދާ ހިމާޔަތްކޮށް އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އެޅުން ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ލަތީފް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަކީ މި ޒަމާނަށް ނުފެތޭ ދީނެއް ކަމަށްބުނެ "ލާދީނީ" ބަޔަކު ނެރުނު ރިޕޯޓެއްގެ ފަހަތުން މި ސަރުކާރު "ނެއްޓެން ނޭނގިގެން" އުޅޭ ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ މިލިއަން ޑޮލަރުގެ މައްސަލަވެސް ބަލާށޭ. އެކަމަކު ދިވެހި ރައްޔިތުން ބޭނުން ވަނީ ތަރައްގީއޭ. އެ ތަރައްގީ ދިވެހި ރައްޔިތުން ބޭނުންވަނީ އަޅުގަނޑުމެންގެ ދީން މަތީގައި ތިބެގެން،" ހުސައިން ވިދާޅުވިއެވެ.

ކޮންމެއަކަސް ދިވެހި ދައުލަތުގެ ހަޒާނާއިން މިލިއަނުން ވައްކަންކޮށް އެ ފައިސާގެ ބޭނުން ކޮށްފައި ތިބި މީހުންގެ މައްސަލަތައް ބަލަން އެމްޑީޕީގެ މަޖިލިސް މެންބަރުން ފޫގަޅާލައިގެން އުޅޭއިރު ދީނަށް ފުރައްސާރަކޮށް ދީނަށް ޖޯކު ޖެހި މީހުންގެ މައްސަލާގައި އެހާ ފިނިކޮށް މަސައްކަތް ކުރައްވާ ސަބަބަކީ ކޮބައިތޯއެވެ. އެމްޑީއެންގެ ވާހަކަ ދައްކާލާއިރަށް އެމީހަކާއި ދިމާލަށް އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް އަޑަށް ބާރުލާފައި އެމްޑީޕީ މެންބަރުން ބުނަމުން އަންނައިރު އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައްސަލަތައް ޝަރީއަތުގައިވާކަން އެމްޑީޕީ މެންބަރުންނަށް ހަމަ ނޭނގެނީތޯއެވެ. ނުވަތަ އެނގި ހުރެވެސް އެހެންކަމަކަށް ފޯކަސް އަނބުރާލައްވަން މަސައްކަތް ކުރައްވަނީތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް