މިހާރު ރާއްޖެއަށް ކުރަމުން މިއަންނަ ވިއްސާރައިގާ ވިއްސާރައާއެކު ވައި ވަރަށް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފިއެވެ.
މިރޭ 09:30 ހާއިރު ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ މިރޭ 09:30 އިން ދަންވަރު 01:30 އާއި ދެމެދުގެ ވަގުތުތަކުގައި ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ދުވަހަށް މައުލޫމާތުދެމުން އެ އިދާރާއިން ބުނީ މިހާރު ކުރަމުން މިއަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ވާރޭ ވެހެމުން އަންނަތާ ތިން ދުވަސްވެފައިވާއިރު މާދަމައިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމުގައި ލަފާ ކުރެވޭ ކަމަށެވެ.
އެ އިދާރާއިން އިތުރަށް ބުނީ ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި އެހެންނަމަވެސް އުތުރާއި މެދުތެރެ އަދި ދެކުނުގެ އަތޮޅުތަކަށްވެސް ވައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް