ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ މިފަދައިން ވިދާޅުވީ އެމެރިކާގެ ނިއުޔޯކުގައި އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށްފަހުގައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމަށެވެ. މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިތުރު ގައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެ ގައުމުން އިޤްތިޞާދީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ދެ ގައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމުގައެވެ.
މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައި.އޯ.ސީ.ގެ ބައްދަލުވުމުގެ ކާމިޔާބީއަށް ބޮޑުވަޒީރު މޯދީ ވަނީ ރައީސަށް މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުވުމުގައި މޯދީ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އ.ދ.ގެ އާންމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް