އިންޓަނެޓް މެދުވެރިކޮށް ދީނީ ހަރުކަށިކަން ފެތުރުން ހުއްޓާލަންޖެހޭ: ރައީސް

އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުން ހުއްޓާލަންޖެހޭ ކަމަށާއި، އެފަދަ ފަރާތްތައް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން  ލިބޭނެކަމުގެ ޔަގީން...

24 Sep 2019 | 04:25

އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުން ހުއްޓާލަންޖެހޭ ކަމަށާއި، އެފަދަ ފަރާތްތައް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން  ލިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ކުރިއަށްދާ އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމައު އާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެ ކަމުގައެވެ. މިފަދައިން މިހާރުވެސް އަމަލުކުރާ ޤައުމުތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތައުރީފު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ވެސް އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިޢުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ހާދިސާއަށް ވަނީ އިޝާރާތްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއިން ވސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި ޢާއިލާއެއް ތަޙައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައެވެ.

މިކޮންފަރެންސްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޓެރަރިޒަމްގެ ނައްތާލުމަށް ކުރަމުންދާ މަސައްކަތާއި، މިހާރު ޢަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އިސްލާހު ކުރުމަށް މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ކޮންފަރެންސްގައި ރައީސާއެކު ޖޯޑަންގެ ރަސްގެފާނާއި، ފްރާންސްގެ ރައީސާއި، ނިއުޒިލެންޑްގެ ބޮޑުވަޒީރާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް