ސަރުކާރު ބަދަލުވުމުގެ ކަންކަން ލަސް ނުކުރުމަށް އިބޫ ގޮވާލައްވައިފި

މިއަދު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެން ސަރުކާރު ބަދަލު ވުމުގެ ކަންކަން ލަސް ނުކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް އަބްދުﷲ ...

23 Sep 2018 | 19:29

މިއަދު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެން ސަރުކާރު ބަދަލު ވުމުގެ ކަންކަން ލަސް ނުކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އިބޫ އެވެ. ހޮވުނުކަން ޔަގީން ވުމާއި އެކު ދެންމެ ސޯލްޓް ކެފޭގައި އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައި އެވެ.

އެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރެއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ. އެކަމަކު އެ ބައްދަލުވުމުގައި އިބޫ ބައިނަލް އަގުވާމީ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ އެ ވަގުތާއި ހަމައަށް ބަލި ގަބޫލުފުޅު ކުރައްވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ނުގުޅާ ކަމަށެވެ.

އިބޫ ވިދާޅުވީ މިހާރުން މިހާރަށް ޖަލުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަން ކުރަން ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ. އަދި ރައްޔިތުން މިއަދު ދިން ވޯޓުން އެނގިގެން ދިޔައީ އިންސާފުގެ މަގަށް ރައްޔިތުން ބޭނުންވެފައި ތިބި ވަރު ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނީ ރާއްޖެ ފަސާދަ އާއި އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ބޮޑު ކާމިޔާބީ ހޯދިފައިވަނީ ތަފާތު ފިކުރުތައް އެކުވެގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. ކުރިއަށް ވެސް ދާން ޖެހޭނީ ތަފާތުތައް އެއްކިބާކޮށް، އިންސާފުގެ މަގަށް ގައުމު ގެންދިޔުމަށް އިސްކަން ދީގެން ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް