ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކޮވިޑް-19 ބާރުމިނެއްގައި ފެތުރޭ ދަނޑިވަޅެއްގައި މުޒާހަރާއަށް ނުނިކުންނާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވެފައިމިވަނީ އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލެ ފިޔަވައި އެހެން އަތޮޅުތަކުގައި މުޒާހަރާ ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން ޔުމްނާ މިއަދު ކުރި ޓްވީޓެއްގައި ވަނީ ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު މި ފަދަ ވަގުތެއްގައި މުޒާހަރާއަކަށް ނުނިކުންނާނެ ކަމަށް ވިދާޅުވެފައެވެ.
https://twitter.com/yumna_maumoon/status/1297751336121806850?s=20
އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ހުކުރު ދުވަހު ބާއްވަން ނިންމާފައިވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާއަށް ދީފައިވާ ނަމަކީ”ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ” އެވެ.
ޝުޖާއު ވިދާޅުވީ މި މުޒާހަރާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން ހިންގާ ނުރަނގަޅު ކަންތައްތަކާއި، ދަރަނިތައް އިތުރުވެގެން ދިޔުމާއި، ރައްޔިތުންގެ ހަރުމުދާ މޯގޭޖްކޮށްގެން ލޯނު ނެގުމާއި ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށެވެ.އަދި ވައްކަން ކުރުމާއި މަސްވެރިންނަށް ހަމަ އަގު ނުލިބުން ފަދަ ކަންކަމަކީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ސަބަބު ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅުން މާލޭގައިވެސް މުޒާހަރާ ކުރިއެވެ. ނަމަވެސް، އެ މުޒާހަރާތައް ހުއްޓާލީ ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އިދިކޮޅުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް