ބަނގުރާ ގެންގުޅުނު ދިވެއްސަކު 54،000 ރުފިޔާއިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ބަނގުރާ ގެންގުޅުނުކަން ޝަރީއަތަށް ސާބިތުވުމުން ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފައި ވަނީ ޅ. ހިންނަވަރު، ރަބީއީމަންޒިލް، އިބްރާހީމް ޒައީމްއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
ޒައީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ އެއް ވަނަ ދުވަހު ވިލިމާލޭ ބީއެމްއެލް ކައިރީ މަސްތުވެގެން ހުރެ އަޑުގަދަ ކުރަނިކޮށެވެ. ކްރިމިނަލް ކޯޓުން އޭނާއަށް ހުކުމްކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ މިމައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި އާއި ޝަރީއަތުގެ މަޖިލީހުގައި އެދަޅަކީ ޒައީމްގެ ދަޅެއް ކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންކަމުން 54،000 ރުފިޔާއިން ޒައީމް ޖޫރިމަނާކޮށްފައި ވާ ކަމަށާއި، އެއް މަސް ދުވަސްތެރޭ އެފައިސާ މީރާ އަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް