މިދިޔަ ސީޒަންގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓި ލޮރިސް ކާރިއަސް 2 އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބެސިކްޓަސްއަށް ބަދަލުވެއްޖެއެވެ.
ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކާރިއަސްއަށް ހެދުނު ބޮޑު ދެ ގޯހާއެކު ރެއާލް އަތުން އެ ކްލަބު ބަލިވުމުން، ލިވަޕޫލުން ވަނީ ކާރިއަސްގެ ބަދަލުގައި ރޯމާގެ ގޯލްކީޕަރ އެލީސަން ބެކާ ގެނެސްފައެވެ. އެހެންކަމުން ކާރިއަސްއަށް ވަނީ ލިވަޕޫލްގެ ފުރަތަމަ 11 އިން ޖާގަ ގެއްލިފައެވެ.
ތުރުކީގެ ކްލަބު ބެސިކްޓަސްއިން ކާރިއަސް ހޯދަން މަސައްކަތް ކުރާކަމުގެ އަޑުތައް ގަދަވެފައިވި ނަމަވެސް، އެކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ކާރިއަސްއަށް އެއްވެސް ކްލަބަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އެނގިފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް އެންމެ ފަހުން ބެސިކްޓަސް އިން މި ވަނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކާރިއަސް އެ ކްލަބާ ގުޅުނުކަން ރަސްމީކޮށް ހާމަކޮށްފައެވެ. ބެލެވޭ ގޮތުގައި ލޯން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކާރިއަސްގެ ޓްރާންސްފާ ދާއިމީ ކުރުމަށް ބެސިކްޓަސް އިން މަސައްކަތް ކުރާނެއެވެ.
އަނެއްކޮޅުން، ބެސިކްޓަސްގެ ފެބްރީ ފުލަމްއަށް ބަދަލުވެފައިވާތީ، އެ ކްލަބްގެ އެއް ނަންބަރު ގޯލްކީޕަރަކަށް ވެގެންދާނީ ވެސް ކާރިއަސްއެވެ.
ކާރިއަސް ވަނީ ލިވަޕޫލަށް ޖުމްލަ 29 މެޗު ކުޅެދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް