ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރި މީހުންގެ މައުލޫމާތު ސައްހަކަން ކަށަވަރު ނުވާތީ ބާތިލުކުރި 5626 ފޯމުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އާންމުކޮށްފިއެވެ.
މި ލިސްޓް އާންމުކޮށްފައިވާއިރު އެ ލިސްޓްގައިވާ ފަރާތްތައް އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައިއެވެ. ރީ-ރަޖިސްޓްރީ ވުމަށް އެ ފަރާތްތަކަށް ދީފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ.
އެ ފަރާތްތައް އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ދީފައިވަނީ މި ފެށޭ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 06:00 އާއި ހަމައަށް ކުރިއަށްދާނޭ ކަމަށާއި މާލޭގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމާއި ކުރިއަށްދާނީ ބާ ޖަމާލުއްދީނުން ކަމަށާއި އަދި ރަށްރަށުގައިނަމަ ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލްގައި ކަމަށް އީސީން ބުނެއެވެ.
އީސީން ހާމަކޮށްފައިވާގޮތުގައި ބާތިލުވި ފޯމުތަކުގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި އިނގިލީގެ ނިޝާން ސާފުނުވުމުގެ މައްސަލަ ހިމެނޭ ކަމަށާއި އަދި ފޯމު ބާތިލުވި މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުންދާނެކަމުގައިވެސް އީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް