އިޓަލީގައި އެ ގައުމުގެ ރައްޔިތުން މޯބައިލް ފޯނަށް ދެވި ހިފާ ހިފުން ނިމުމަކަށް ގެނައުމަށް ގާނޫނެއް ހެދުމަށް ތައްޔާރުވަން ފަށައިފިއެވެ.
މިކަމަށް ބޭނުންވާ ބިލު މިހާރު ވަނީ ޑްރާފްޓް ކޮށްފައެވެ. ބިލަށް ދީފައިވާ ނަމަކީ "ނޯ މޯބައިލް ފޯން ފޯބިއާ" ގާނޫނުގެ ބިލެވެ.
މި ގާނޫނުގެ ދަށުން، ގައުމީ ފެންވަރެއްގައި ބެލެނިވެރިން ހޭލުންތެރި ކުރުވުމާއި، ފޯނަށް ދެވި ހިފާ މީހުންނާއި ދަރިވަރުންނަށް އެކަމުން ސަލާމަތްވެވޭނެ އިންތިޒާމުތަކާއި ރިހިބެލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުން ހިމެނެއެވެ.
މި ބިލު ގާނޫނަކަށް ހަދަން ތައްޔާރުވަމުން އަންނައިރު އިޓަލީގައި މިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އެގައުމުގައި އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ދަރިވަރުން، ދުވާލަކު މަދުވެގެން 75 ފަހަރު ފޯނު ބަލައި ބޭނުންކޮށް ހަދައެވެ.
މުޅި އާބާދީގެ 61 އިންސައްތަ މީހުން ގިނަ ވަގުތު ފޯނާއި ޓެބްލެޓު ބޭނުން ކުރަނީ އެނދުމަތީގައެވެ. އަދި މެދު އުމުރުގެ މީހުން އެނދުގައްޔާއި ސޯފާގައި މޯބައިލް ފޯނާއި ޓެބްލެޓާ ކުޅުން 81 އިންސައްތައަށް އިތުރު ކަމުގައިވެސް އެ ދިރާސާއިން ދައްކާފައިވެއެވެ.
މި ބިލު ހުށަހަޅަނީ އިޓަލީގެ ރޫލިން ޕާޓީންނެވެ. އެ ޕާޓީން ބުނާގޮތުގައި މި ބިލުގެ ސަބަބުން ގައުމީ މި މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް