ކެއުމަކީ ހައްދެއް އޮތް ކަމެއް ނޫނޭ ބައެއް މީހުން ބުނެއެވެ. ކާއެއްޗެއް ނަމަ ދޫނުކޮށްލެވޭނެއޭ ވެސް ގިނަ މީހުން ބުނެ އުޅެއެވެ. ޑައިޓް ގައި އުޅޭ މީހުން މިކަމާ ހިލާފުވެދާނެއެވެ. ކާލަން ވަރަށް މީރު އެއްޗެއް ނަމަވެސް އެލާޖިކް ވާތީ ނުކެވޭ އެއްޗެއް ހުރޭހެއްޔެވެ؟ އެހެންވެއްޖެ ނަމަ ތީ ދެން ވަރަށް ދެރަ މައްސަލައެކެވެ.
ގިނަ ބަޔަކު އެލާޖިކް ވާ އެންމެ އާންމު އެއްޗަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ރިހާކުރެވެ. ރިހާކުރަކީ ދިވެހިންގެ މައިގަނޑު ކެއުމުގައި ބޭނުން ކުރާ ވަރަށް މުހިއްމު ބާވަތެކެވެ. ރިހާކުރާ، ބަތާއި ފަތް ވަރަށް މީރު ދޯއެވެ. ބަތް ކެއުމުގެ އިތުރުން، ރިހާކުރަކީ އެހެން ކާތަކެތި ހެދުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ. ރިހާކުރަށް އެލާޖިކް ވާނަމަ، ރިހާކުރު ލައިގެން ހަދާ ބާވަތްތައް ވެސް ނުކެވޭނެ ތާއެވެ.
ވަރަށް އާދައިގެ އެއްޗިއްސަށް ވެސް ބައެއް މީހުން އެލާޖިކް ވެއެވެ. މިސާލަށް ކުކުޅު ބިސް، މަހުގެ ބާވަތްތައް، ކިރުގެ ބާވަތްތައް ހިމެއެވެ. ޗީޒް ފަދަ އެއްޗިއްސަށް އެލާޖިކް ވާނަމަ ޕިއްޒާ ވެސް ނުކެވުނީއެވެ. މަހުގެ ބާވަތްތަކަށް އެލާޖިކް ވާ ކުދިން އަދި މާ ދެރަވާނެދޯއެވެ.
ކާ އެއްޗެހީގެ އިތުރުން އެހެން އެއްޗިއްސަށް އެލާޖިކްވާ ކުދިން ވެސް އުޅެއެވެ. މިސާލަކަށް އިރުގެ އަލި، ހިރަފުސް، ޕްލާސްޓިކް ފަދަ އެއްޗިއްސަށް އެލާޖިކްވާ ކުދިން އުޅެއެވެ. އިރުގެ އަލިން ސަލާމަތް ވުމަށް ސަން ކްރީމެއް ބޭނުން ކުރެވިދާނެއެވެ. ހިރަފުހުން ސަލާމަތް ވުމުގެ ގޮތުން، ގިނައިން ބޭރަށް ނުނިކުތުން އަދި ގޭތެރެ ސާފުތާހިރުކޮށް ބޭއްވުން ވަރަށް މުހިންމެވެ.
އިންސާނާގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. ވަކި އެއްޗަކަށް އެލާޖިކް ވާކަން އިނގޭނަމަ އެންމެ ރަގަޅު ގޮތަކީ އެއެއްޗެއް ނުކައި ދޫކޮށްލުމެވެ. ހަންގަނޑު ކަހާނަމަ ހިތްވަރުކޮށްލައިގެން ނުކަހާ ހުރުން ވަރަށް ބުއްދިވެރިއެވެ. އެލާޖިކް ވަނީ ހަންގަނޑު އެކަންޏެއް ނޫނެވެ. މީހާގެ ނޭވާ ހާސްވެ، ހޮޑުލެވި، ހަށިގަނޑުގެ ތަންތަން ދުޅަވެސް ވެއެވެ. އެމީހެއްގެ ސިއްޙަތައް ބަލާނީ އެމީހެކެވެ. އެލާޖިކްވާ ކާ އެއްޗެހި ކިތަންމެ މީރު ނަމަވެސް ކެތްކޮށްލާށެވެ. ދެރަވާނެކަން އިނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް