މިހާރު އެންމެ ވައިގައި ހިފާފައިވާ ލަވަ "އޯ ސާކީ ސާކީ" ގެ އަސްލު ލަވައިގައި ފެނިގެންދާ ބަތަލާ އަދި ކުރީގެ ބޮލީވުޑް ތަރި، ކޮއިނާ މިތްރާގެ މައްޗަށް މުމްބާއީ ކޯޓުން ހަ މަސްދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ކޮއިނާގެ މައްޗަށް މިމަހުގެ ކުރީކޮޅު ޖަލު ހުކުމެއް އައިސްފައި މިވަނީ ޗެކެއް ބައުންސްވި މައްސަލާގައެވެ.
ކޮއިނާ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އިންޑިއާގެ މޮޑެލްއެއް ކަމަށް ވާ ޕޫނަމް ސެތީ އެވެ. 22 ލައްކަ އިންޑިއަން ރުޕީޒް ގެ ދަރަންޏެއް ކޮއިނާ ވަނީ ޕޫނަމްގެ އަތުން ނަގައިފައެވެ. އެ ދަރަނި އިންޓަރެސްޓާއި އެކު 6.28 ލައްކަ ރުޕީޒް ދެއްކުމަށް ޕޫނަމް އެދުމުން، ކޮއިނާ ވަނީ ތިން ލައްކަ ރުޕީޒްގެ ޗެކެއް ޕޫނަމް އަށް ދީފައެވެ.
ނަމަވެސް އެ ޗެކް ވަނީ ބެންކުގައި ބައުންސްވެފައެވެ. ކޮއިނާ އަށް ފައިސާ ނުދެއްކުމުން، ޕޫނަމް ވަނީ 2013 ވަނަ އަހަރު ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ނަމަވެސް މިތުހުމަތުތައް ކޮއިނާ ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނިގޮތުގައި އެއީ އޭނާގެ އަގު ވައްޓައިލަން ޕޫނަމް ކޮށްގެން އުޅޭ ކަމެކެވެ. މީގެ އިތުރުން ކޮއިނާގެ ލޯޔަރު ކޯޓުގައި ބުނިގޮތުގައި، ޕޫނަމް އަކީ "ސްމޯލް ޓައިޕް" މޮޑެލްއެއް ކަމަށާއި، އޭނާ އަށް 22 ލައްކަ ރުޕީޒްގެ ލޯނެއް މީހަކަށް ނުދެވޭނެ ކަމުގައެވެ. އަދި އެ ލޯން ދޫކުރިނަމަވެސް، އެވާނީ ގާނޫނާ ހިލާފަށް ހޯދި ފައިސާ ކަމުގައި ލޯޔަރު ވަނީ ކޯޓުގައި ބުނެފައެވެ.
ކޮއިނާގެ މައްޗަށް މައްސަލަ ސާބިތުވުމުން، މުމްބާއި ކޯޓުން ވަނީ ހަ މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ދަރަނި އަދާކުރަން ތިން މަސްދުވަހުގެ މުހުލަތެއްވެސް ވަނީ ދީފައެވެ.
ކޮއިނާ އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަރު ނިކުތް ފިލްމް، "ބޭޝް ކޮރޭޗީ ޕްރޭމް ކޮރޭޗީ" ނަމަކަށް ކިއުނު ފިލްމަކުންނެވެ. ކޮއިނާ އެންމެ ގިނައިން ބޮލީވުޑުން ފެނިފައި ވަނީ ދެހާހުގެ ކުރީގެ އަހަރުތަކުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް