ފީފާއިން ހޮވާ "ދަ ބެސްޓް" އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ނަންތައް ހާމަކޮށްފި

ފީފާއިން އެކި ކެޓެގަރީތަކުން، ކޮންމެ އަހަރެއްގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިން ހޮވުމަށްދޭ "ދަ ބެސްޓް" އެވޯޑްއަށް ނޮމިނޭޓްވި ކުޅުންތެރިންގެ ނަންތައް ހާމަކޮށްފިއެވެ. މިއާއެކު، "ދަ ބެސްޓް" އެވޯޑްގ...

24 Jul 2018 | 16:41

ފީފާއިން އެކި ކެޓެގަރީތަކުން، ކޮންމެ އަހަރެއްގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިން ހޮވުމަށްދޭ "ދަ ބެސްޓް" އެވޯޑްއަށް ނޮމިނޭޓްވި ކުޅުންތެރިންގެ ނަންތައް ހާމަކޮށްފިއެވެ.

މިއާއެކު، "ދަ ބެސްޓް" އެވޯޑްގެ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިންގެ މަގާމަށް މި އަހަރު ވާދަކުރާނެ 10 ކުޅުންތެރިން އެނގިގެން ގޮސްފައިވާއިރު، މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނަން ވިދާ ކުޅުންތެރިންކަމަށްވާ ކިލިއަން އެމްބާޕޭ، މުޙައްމަދު ސަލާހް، ލިއޮނަލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މި އަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

ފާއިތުވި ދެ އަހަރު ވެސް މި އެވޯޑް ހޯދި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު، އަނެއްކާ ވެސް ޗެމްޕިއަންސް ލީގު އުފުލާލާފައެވެ. އަނެއްކޮޅުން، ވާދަވެރި މެސީ ނިމިދިޔަ ސީޒަންގައި ބާސެލޯނާއާއެކު ލަލީގާ އާއި ސްޕެނިޝް ކަޕް ހޯދިއިރު، ލީގުގައި އެކަނި ވެސް 34 ލަނޑު ކާމިޔާބު ކުރިއެވެ.

ފާއިތުވި 10 އަހަރު ދުވަހު ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ މެސީ އާއި ރޮނާލްޑޯ އެކަންޏެވެ. އެހެންނަމަވެސް ވޯލްޑް ކަޕްގައި މި ދެ ތަރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި، ގައުމީ ޓީމަށް އެކަށީގެންވާ ރަނގަޅު ހިސާބަކަށް ނުދެވުމާއެކު، މިއީ ތާރީޚް ބަދަލުވަނިވި ފަހަރަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރޮނާލްޑޯ އާއި މެސީގެ އިތުރުން، ފްރާންސް އާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި، އެންޓޮއިން ގްރީޒްމަން، ރަފައެލް ވެރާން އަދި ކިލިއަން އެމްބާޕޭ ވެސް ވަނީ އެވޯޑަށް ނޮމިނޭޓް ވެފައެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ރަން ބޫޓް ހާސިލްކުރި އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ވެސް އެވޯޑަށް ނޮމިނޭޓް ވެފައިވެއެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވެނީ ލިވަޕޫލް އާއެކު ވަރަށް ރަނގަޅު ކުޅުމެއް ދެއްކި މުޙައްމަދު ސަލާހްގެ ނަމެވެ. ސަލާހް ވަނީ މިދިޔަ ސީޒަންގައި 32 ލަނޑާއެކު ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލާފައެވެ. ލިވަޕޫލް ގަދަ 4 ގައި ލީގު ނިންމާލިއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅުނެވެ.

ނޮމިނޭޓްވި އެހެން ކުޅުންތެރިންނަށް ބަލާއިރު، ބެލްޖިއަމްއާއެކު ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އެޑެން ހަޒާޑް އާއި ކެވިން ޑި ބްރޭނާ ވެސް ހިމެނެއެވެ. މި ދެ ކުޅުންތެރިން ވަނީ ކްލަބަށް ވެސް ފާއިތުވި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ފީފާ ބެސްޓް އެވޯޑްއަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރެއިން އެވޯޑް ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ތަރި ލޫކާ މޮޑްރިޗެވެ. ރެއާލް އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރި މޮޑްރިޗް ވަނީ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް ވެސް އާންމު ކޮށްފައިވާއިރު، މި އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ރެއާލްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓެވެ.

ދަ ބެސްޓް ފީފާ ފިރިހެން ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން:

ކްރިސްޓިއާނޯ ރޮނާލްޑޯ، ކެވިން ޑި ބްރޭނާ، އެންޓޮއިން ގްރީޒްމަން، އެޑެން ހަޒާޑް، ހަރީ ކޭން، ކިލިއަން އެމްބާޕޭ، ލިއޮނަލް މެސީ، ލޫކާ މޮޑްރިޗް، މުޙައްމަދު ސަލާހް، ރަފައެލް ވެރޭން

ދަ ބެސްޓް ފީފާ ފިރިހެން ކޯޗުގެ އެވޯޑަށް ނޮމިނޭޓްވި ކޯޗުން:

މެސިމިލިއާނޯ އެލެގްރީ، ސްޓެނިސްލާވް ޗާޝެސޯވް، ޒްލަކޯ ޑަލިޗް، ޑިޑިއޭ ޑިޝޭމްޕް، ޕެޕް ގާޑިއޯލާ، ޔާގެން ކްލޮފް، ރޮބާޓޯ މާޓިނޭޒް، ޑިއޭގޯ ސިމިއޯނީ، ގެރެތު ސައުތުގޭޓް، އާނެސްޓޯ ވަލްވާޑޭ، ޒައިނުއްދީން ޒިދާން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް