އިންޑިޔާގެ ނިއުދިއްލީ އާއި ސިންގަޕޫރުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިންޑިޔާގެ ނިއުދިއްލީ އަދި ސިންގަޕޫރުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައ...

24 Jul 2018 | 16:09

އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިންޑިޔާގެ ނިއުދިއްލީ އަދި ސިންގަޕޫރުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

23 ޖުލައިން ފެށިގެން 11 އޯގަސްޓާ ހަމައަށް ހޮނިހިރު އަދި އާދިއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ދެ ތަނުގައި ގާއިމުކޮށްފައިވާ އެމްބަސީން ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް އިލެކްޝަނުން ކޮމިޝަނުން ބުނެއެވެ. އެގޮތުން އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އިންޑިޔާ ގަނޑިން ހެނދުނު 09:30 ން ހަވީރު 04:00 ށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާނެ އެވެ. ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ސިންގަޕޫރު ގަޑިން ހެނދުނު 10:00 ން 04:00 ށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އަދި މި ފޯމު ކޮމިޝަނުގެ ވެބްސައިޓް  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.  އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށްކަމަށް ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާންކުރިއިރު މި ދެތަން އިއުލާންކޮށްފައެއް ނުވެއެވެ. މި ދެތަނާއެކު ޖުމްލަ ހަތަނެއްގައި މިފަހަރުގެ ރޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް މިހާރު ވަނީ އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް