ޖަޒުލާން ދުއްވަން އިން ސައިކަލުގައި އިތުރު އުޅަނދެއް ޖެހިފައެއް ނުވޭ – ފުލުހުން

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، ސައިކަލް ދުއްވަން އިން މުހައްމަދު ޖަޒުލާން ޖަލީލު ނިޔާވި ހާދިސާގައި ޖަޒުލާން ދުއްވި ސައިކަލު...

24 Jul 2018 | 07:55

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، ސައިކަލް ދުއްވަން އިން މުހައްމަދު ޖަޒުލާން ޖަލީލު ނިޔާވި ހާދިސާގައި ޖަޒުލާން ދުއްވި ސައިކަލުގައި އިތުރު އެއްވެސް އުޅަނދެއް ޖެހިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިހާދިސާ އާއި ގުޅިގެން ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރަމުންދާތީ ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ، މިހާދިސާ ހިނގި ސަރަހައްދުން ފުލުހުންގެ ތަޙްޤީޤަށް އެއްކުރެވުނު މަޢުލޫމާތާއި އެސަރަހައްދުން ފުލުހުންނަށް ލިބުނު ސީސީޓީވީ ފުޓޭޖަށް ބަލާއިރު، މިހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައިސް ބަންޕަރުން އަރަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލުނުވެގެން  ކަހާލައިގެން ވެއްޓިގެންނެވެ. މީގެއިތުރުން މުޙައްމަދު ޖަޒުލާން ޖަލީލަކީ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫންކަމަށާއި ލައިސަންސް ނެތި ދުއްވައިގެން މީގެ ކުރިން ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާކަން ތަހްޤީޤަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި ވެއެވެ.

ފުލުހުންވަނީ މިހާދިސާ އާ ގުޅުންހުރި ދެމިނެޓްގެ ސީސީޓީވީ ފުޓޭޖް އާންމުކޮށްފައެވެ. މި ފުޓޭޖުން ފެންނަ ގޮތުން މީހަކު ސައިކަލުގައި ދުއްވާފައި އައިސް ބަންޕަރަށް އަރަން އުޅެނިކޮށް ކަހާލައިގެން ވެއްޓެނީއެވެ. ޖަޒުލާން ނިޔާވި ހާދިސާއާ ގުޅިގެން އޭނާގެ ރައްޓެހިން އަންނަނީ ސޯޝަލް މީޑިޔާގައި ، ޖަޒުލާން ނިޔާވީ ބަންޕަރުން ކަހާލައިގެން ނޫންކަމަށާއި، މިމައްސަލަ ރަނގަޅަށް ތަޙްޤީޤުކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

އުމުރުން 18 އަހަރުގެ ޖަޒުލާނަކީ ސައިކަލް ރޭސް ޖެހުމުގައި އުޅޭ ޒުވާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް