ބުދު ތަކަކާއެކު ފެއަރމޮންޓް މޯލްޑިވްސް ސިއްރު ފެންފުށީގެ މޫދުގައި ކޮރެލޭރިއަމެއް ގާއިމްކޮށްފި އެވެ. ކޮރެލޭރިއަމްއަކީ މޫދުގެ ރީތިކަން ދައްކުވައިދޭގޮތަށް މިއުޒިއަމެއްގެ ގޮތަށް ހަދާ ބިނާއެކެވެ.
މި ކޮރެލޭރިއަމް ހަދާފައިވަނީ އިނގިރޭސި ސްކަލްޕްޓަރ އެއްކަމުގައިވާ ޖޭސޮން ޑެކޭސް ޓޭލަރ ކަމުގައި ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ. މި ކޮރެލޭރިއަމްގައި ޖުމްލަ 30 ބުދު ހަރުކޮށްފައިވާކަމުގައިވެސް ރިޕޯޓްކޮށްފައި ވެ އެވެ.
މި މަސައްކަތް ނިންމާލާފައިވަނީ ނުވަ މަސް ދުވަހުގެ މަސައްކަތުން ކަމަށާއި މި ތަން ބިނާކުރުމަށް ބޭނުންކޮށްފައިވަނީ ޕީއެޗް ނިއުޓްރަލް މެރިން ސްޓީލް އާއި ތިމާވެއްޓަށް ގެއްލުންނުވާނެ ފަދަ މައުދަންތައް ކަމުގައި ބުނެފައި ވެ އެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން މި ޕްރޮޖެކްޓްގެ ސްކަލްޕްޓަރ ޑެކެއާ ޓެއިލަރ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ މިއީ ޒުލެއްގެ ގޮތުގައި ސިފަ ކުރެވިދާނެ ކަމަށެވެ. ކޮށި ކޮށީގައި ބަންދުކޮށްފައި ހުންނަ ޖަނަވާރު ބަލަން ސިޓީތަކަށް ދާގޮތަށް ކޮށްޓެއްގައި މެރިން ލައިފް ދައްކުވައިދޭނެކަމަށް ބުނެފައި ވެ އެވެ.
މި ކޮރެލޭރިއަމްގެ މަތީގައި އަދި އަޑީގައި ބުދުތައް ހަރުކޮށްފައިވާއިރު މަތީގަގައި ހަ ބުދު އަދި ލޮނުގަނޑުގެ އަޑީގައި ކޮރެލޭރިއަމްގެ އެތެރެއަށް ވާގޮތަށް ގިނަ ބުދުތަކެއް ހަރުކޮށްފައި ވެ އެވެ. މި ކޮރެލޭރިއަމް ބަލައިލަން ތަޖުރިބާކާރު ޑައިވަރަކާއެކު ދެވޭނެކަމުގައިވެސް ބުނެފައި ވެ އެވެ. މިއީ އާޓިފިޝަލް ރީފްއެއްގެ ގޮތުގައި ސިފަކޮށްފައި ވެ އެވެ.
https://www.youtube.com/watch?v=f43QkfFmxFs
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް