އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކު ހޮވުމަށް، އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އިތުރަށް ކުރިޔަށް ނުގެންދާން އެމައްސަލަ ހުށަހެޅި މޫސާ އަންވަރު ނިންމައިފިއެވެ.
މިހާރު އިނގިރޭސި ވިލާތުގައި ހިމާޔަތް ހޯދައިގެން އެ ޤައުމުގައި ދިރިއުޅެމުން އަންނަ މޫސާ އަންވަރު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެދުމުގެ މަތިން ޤައުމީ މަސްލަހަތު އިސްކޮށް އެމައްސަލަ ކުރިޔަށް ނުގެންދާން ނިންމައިފިކަމުގައެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދުކުރަން ނިންމައިފިންކަމުގައެވެ.
އިއްޔެ މޫސާ އަންވަރު ވަނީ ރަނިންމޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓުގައި ފައިސަލް ނަސީމާ އެންމެ ގާތުން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާ ދެ ބޭފުޅުންނަށް އެއް އަދަދަކަށް ވޯޓު ލިބިފައިވާ ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އަމުރަކަށް އެދިފައެވެ. މޫސަ އެމައްސަލަ ހުށަހެޅުއްވުމާއެކު އިދިކޮޅު ކޯލިޝަންގެ މެމްބަރުންވަނީ ސޯޝަލް މީޑިޔާގައި އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް މޫސަ އަށް ގޮވާލާފައެވެ.
މީގެއިތުރުން ރަނިންމޭޓަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ފައިސަލް ނަސީމާ ވާދަކުރައްވާ ނާކާމިޔާބުވި، ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން ވިދާޅުވެފައިވަނީ ރަނިންމޭޓަކު ހޮވުމަށް ޖޭޕީ ކައުންސިލުން ބޭއްވި އިންތިޚާބު ޞައްހަކަމަށާއި އަލުން އިންތިޚާބެއް ބާއްވަން ބޭނުންނުވާކަމުގައެވެ.
ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާފައިވަނީ އެމްޑީޕީންނެވެ. އަދި ރަންނިން މޭޓަކު ހޮވާފައިވަނީ ޖުމްހޫރީ ޕާޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް