ސްޓޭޓަސް ޖެހިގޮތަށް ހިނގާދޯ މަގުމައްޗަށާއި މޫދަށް ކުނިނާޅަން ؟!

ފޭސްބުކްގައި މިދުވަސްވަރު ދައުރުވަމުންދާ ސްޓޭޓަސް އެކެވެ. ކިޔާލަން ފަސޭހަ މުހިންމު މެސެޖެއް ދޭ ސްޓޭޓަސް އަކެވެ.  " ހިނގާދޯ މަގުމައްޗަށާއި މޫދަށް ކުނިނާޅަން ؟ " ކުނިއެޅުން މަނާ ސައިން އާއެކު ހިނިތުންވެ...

24 Jul 2018 | 05:54

ފޭސްބުކްގައި މިދުވަސްވަރު ދައުރުވަމުންދާ ސްޓޭޓަސް އެކެވެ. ކިޔާލަން ފަސޭހަ މުހިންމު މެސެޖެއް ދޭ ސްޓޭޓަސް އަކެވެ.  " ހިނގާދޯ މަގުމައްޗަށާއި މޫދަށް ކުނިނާޅަން ؟ " ކުނިއެޅުން މަނާ ސައިން އާއެކު ހިނިތުންވެފައި އިންނަ އިމޯޖީއަކާއެކު އިން މިސްޓޭޓަސް އަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ. ކުނި އެޅުން މަނާ މެސެޖްތަކަކީ ދިވެހިންނާ ބީރައްޓެހި މެސެޖްތަކަކަށް ނުވާނެއެވެ. މޫދަށާއި، މަގުމައްޗަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުމަކީ ދިވެހިންގެ ތެރޭގައި އާންމުކަމެކެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކާއި ތިމާވެއްޓާ ގުޅުންހުރި ޖަމިއްޔާތަކާއި ގްރޫޕްތަކުން ތަފާތު އެކިއެކި މަސައްކަތް ކުރަމުން ދެއެވެ. އެކަމާ ގުޅުންހުރި ތަފާތު އެކިއެކި މެސެޖްތައްވެސް ދެއެވެ.

މިއީ އެފަދަ އެއް މެސެޖަށްވާއިރު މިމެސެޖަށް ފޭސްބުކްގައި ގިނަ ބަޔެއްގެ ސަމާލުކަން މިވަނީ ލިބިގެން ގޮސްފައެވެ. ރީތި ސްޓޭޓަސް އަކަށްވީމާ މީހުން ޝެއަރ ކޮށްފާނެއެވެ. ނޫނީ ޖަހާފާނެއެވެ. ނަމަވެސް ޝެއަރ ކުރާ އަދި ޖަހާލާ ކޮންމެ ސްޓޭޓަސް އަކީ އެގޮތަށް އެމީހަކު އަމަލުކުރާތީ ނޫނީ އެމީހެއްގެ ދިރިއުޅުމާ ގުޅުންހުރި ކަމަކަށް ނުވެދާނެއެވެ.

ސްޓޭޓަސް ޖަހާފައި ހުރި ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެމީހުން ބުނީ ސްޓޭޓަސް ޖެހީ ރީތި ސްޓޭޓަސް އަކަށްވުމާއެކު އެކަން ކުރަން ބޭނުންވާތީއެވެ. އަދި އެމެސެޖް އެހެން މީހުންނަށް ފޯރުކޮށްދޭން ބޭނުންވާތީ އެވެ. " ފޭސްބުކްގައި ސްޓޭޓަސް ޖަހާލައިގެން މިކަން އަދި ނިމުނީ ނޫންކަން އިނގޭ. މިކަން ކުރަންވެސް އަދި އެބަޖެހޭ. ފޭސްބުކްގައި ސްޓޭޓަސް މިޖެހީ މި މެސެޖް ގިނަ ބަޔަކާ ހަމައަށް ފޯރުކޮށްދޭން." ފޭސްބުކްގައި މި ސްޓޭޓަސް ޖެހި ކުއްޖަކު ސްޓޭޓަސް ޖެހި ސަބަބު ކިޔައިދެމުން ބުންޏެވެ.

އަނެއް ބަޔަކު ބުނާގޮތުން މިކަހަލަ ސްޓޭޓަސް އެއް ޖަހާލާ ޝެއަރކޮށްލަން ފަސޭހަވާނެއެވެ. އެހެންނަމަވެސް އަމަލުން އެކަން ދެއްކުންވާނީ އުނދަގޫކަމަކަށެވެ. ފޭސްބުކްގައި ޖަހާފައިވާ މީގެ ސްޓޭޓަސް އަކަށް ކޮމެންޓްކުރަމުން މީހަކު ބުނެފައިވަނީ " މަގޭ ޒިންމާއަކަށް ނުވާ ކަމަށް ބަލާފައި އަޅާ ނުލަނީ. ކުނި ނަގާމީހުން ކުނި ނަގާނެ، މަށާ ބެހޭ ކަމެއްނޫން، މިގޮތް ބަދަލުކުރަންޖެހޭ."

އެއީކީ މުޅިއަކުން ދޮގުވާހަކައެއް ވެސް ނޫނެވެ. އެހެންނަމަވެސް މި ސްޓޭޓަސް ޖަހައިގެން އެކަން އަމަލުން ދެއްކުމަށް އަޒުމު ކަނޑައެޅުމަކީވެސް ސާފު ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ކުރެވޭނެ މުހިންމުކަމެކެވެ. ތިމާވެއްޓާ ގުޅުންހުރި ތަފާތު އެކިއެކި ހަރަކާތްތައް ބާއްވާ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އާންމުން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ " ބިލީފް " ޖަމިއްޔާގެ ފައުންޑަރ އަފާ ހުސައިން މިކަން ފާހަގަކުރަނީ މީގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނިކުމެދާނެ ފަދަ ކަމެއްގެ ގޮތުގައެވެ.

" މި ސްޓޭޓަސް ގިނަ ބަޔަކު ޝެއާ ކޮށް ޖަހަމުންދާތީ އުފާވޭ. ނަތީޖާ ނުފެނިދާނެ ހަމަ ހުރެލާފައި. ނަމަވެސް އުންމީދަކީ މި ސްޓޭޓަސް ލިޔާ ކޮންމެ މީހެއްވެސް އެބުނަނީ ކީކޭކަން އިނގެތިބެ އެކަމަށް އަމަލުކުރާނެކަމަށް ." އުންމީދީ ރާގަކަށް އަފާ ބުންޏެވެ.

ޖެހުނު ކޮންމެ ތާކަށް ކުނި އެޅުމުގެ ބަދަލުގައި އެކަމަށް ޚާއްސަ ތަންތަނަޅަށް ކުނި އެޅުމުގެ އާދަ ހަރުލައްވަން އެބަޖެހެއެވެ.  ރީތީ ސްޓޭޓަސް އަކަށްވެގެން ހަމައެކަނި ޖަހާލުމުގެ ބަދަލުގައި މަގުމައްޗަށާއި މޫދަށް ކުނި ނާޅާ ސާފު ރީތި ރާއްޖެ އެއްގެ ގޮތުގައި މިތަން ބާއްވަން ހިނގާށެވެ. އެކަމަށް ބޭނުންވާނީ ސްޓޭޓަސް ޖަހާލުމަށް ކުރި މަސައްކަތްތަށް ހަމަ ކުޑަ ހިތްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް