ޕާކިސްތާނުން ދިވެހި އަސްކަރިއްޔާއަށް ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރަނީ

އަވަށްޓެރި ޕާކިސްތާނުން ރާއްޖޭގެ އަސްކަރިއްޔާއަށް މެކޭނައިޒްޑް ލޭންޑިންގް ކްރާފްޓެއް ހަދިޔާ ކުރަން ނިންމައިފި އެވެ. މެކޭނައިޒްޑް ލޭންޑިންގް ކްރާފްޓަކީ މިލިޓަރީތަކުގައި އެއްތަނުން އަނެއްތަނަށް ވެހިކަލް...

24 Jul 2018 | 05:43

އަވަށްޓެރި ޕާކިސްތާނުން ރާއްޖޭގެ އަސްކަރިއްޔާއަށް މެކޭނައިޒްޑް ލޭންޑިންގް ކްރާފްޓެއް ހަދިޔާ ކުރަން ނިންމައިފި އެވެ. މެކޭނައިޒްޑް ލޭންޑިންގް ކްރާފްޓަކީ މިލިޓަރީތަކުގައި އެއްތަނުން އަނެއްތަނަށް ވެހިކަލް އުފުލުމުގައި ބޭނުންކޮށްއުޅޭ ކަނޑު އުޅަނދެކެވެ.

ޕާކިސްތާނުން މެކޭނައިޒްޑް ލޭންޑިން ކްރާފްޓެއް ހަދިޔާކުރަން ނިންމިކަން އިއުލާނުކޮށްފައިވަނީ ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިއްޔެ ކުރެއްވި ބައްދަލުކުރެއްވުމުގައި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެއަށް މެކޭނައިޒްޑް ލޭންޑިން ކްރާފްޓެއް ޕާކިސްތާނުން ހަދިޔާކުރަން ނިންމާފައިވާކަން ޕާކިސްތާނުން ހާމަކުރި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ އިއްޔެގެ ބައްދަލުވުމާއިގުޅޭ ހަބަރުގައި ލޭންޑިން ކްރާފްޓްގެ ވާހަކަ ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް ލޭންޑިން ކްރާފްޓް ހަދިޔާކުރަން ނިންމައި އެކަން އިއްޔެ ރައީސް ޔާމީނަށް ދެންނެވި ކަމަށް ދަނޭޝަންގައި ރިޕޯޓްކޮށްފައިވެ އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި ޕާކިސްތާންގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވި އެވެ.އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީއަށް މަރުޙަބާ ވިދާޅުވެ، ޕާކިސްތާންގެ ލީޑަރުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވި ކަމުގައި ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް