ކޯވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ބަންދު ކުރުމުގެ 10 ދުވަސް ކުރިން އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އީސީން ބުނީ ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުން ފުރަން ޖެހޭ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. ފޯމް ފުރުމަށް ފަހު އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހެނީ [email protected] އަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފޯމް ބަލައިގެންނަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާޗް މަހު އިންތިހާބު ބޭއްވުމަށެވެ. އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައިވާއިރު އިތުރު ހަރަދަކައި ނުލައި މިހާޜު ކަނޑައަޅާފައިވާ ބަޖެޓުގައި އިންތިހާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސް ކުރަން ޖެހުމުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ވަނީ ދަންމާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް