ތައިލެންޑްގައި ގޭތެރޭ ސިނގިރެޓް ބޯ ނަމަ، އެމީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ތައިލެންޑްގެ ޑިޕާޓްމެންޓް އޮފް ވޮމެންސް އެފެއާސް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ޗީފް، ލެޓްޕެންޔާ ބޫރެނަބުނޑިޓް ވިދާޅުވީ، މި އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހުން ފެށިގެން އެ ޤަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
އެ ޤައުމުގައި ކުރިއަށްދިޔަ 18 ވަނަ ޓޮބޭކޯ އެންޑް ލަންގް ހެލްތު ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ލެޓްޕެންޔާ ވިދާޅުވީ، ގޭތެރޭގައި ސިނގިރެޓް ބުއިމުގެ ސަބަބުން، އަންހެނުންނަށާއި ކުޑަކުދިންގެ އިތުރުން ދެން އުޅޭ މީހުންނަށް އޭގެއިން އަސަރުކޮށް އުނދަގޫވާނަމަ، ފިޔަވަޅު އަޅާނެ ކަމުގައެވެ. އަދި މައްސަލަ "ގެވެށި އަނިޔާ" އެއްގެ ގޮތުގައި ފައިލްކުރެވި، ކްރިމިނަލް ކޯޓު އަދި ފެމިލީ ކޯޓަށް ފޮނުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ތައިލެންޑްގައި ގާތްގަނޑަކަށް 5 މިލިއަނެއްހާ ގޭގައި ސިނގިރެޓް ބޯ މީހުން އުޅޭކަން ފާހަގަކޮށް ލެޓްޕެންޔާ ވިދާޅުވީ، 10 މިލިއަނެއްހާ މީހުންނަށް އޭގެ ސަބަބުން އަސަރުކުރާ ކަމުގައެވެ. ލެޓްޕެންޔާގެ ވާހަކަފުޅުގައި، ސިނގިރެޓުން ލިބޭ ގެއްލުންތަކާއި، އޭގެ އަސަރުކުރުމުން ދެން ތިބޭ މީހުންނަށް ވާނެ ގެއްލުންތައް ވަނީ ފާހަގަކޮށްފައެވެ.
ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން އުނދަގޫވާނަމަ، ވަގުތުން އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ލެޓްޕެންޔާ ވަނީ އިލްތިމާސްކޮށްފައެވެ. ވީހާވެސް އަވަހަކަށް އެމީހަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް