މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތްކުރަމުން އަންނަ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފިއެވެ.
ޕީއެންސީ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިފަދަ ކަންތައްތައް ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއްނެތް، ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނެވެ.
ޝައިމް ގެއްލިފައި ވަނީ ކުޑަކުދިންގެ ހިޔާއިން ކަމަށްވާއިރު، ކުޑަކުދިންގެ ހިޔާ އަކީ އެކުދިންނަށް ސަލާމަތްތެރި، ރައްކާތެރި އަދި އެކުދިންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުން ފަދަ ކަންކަން މޮނީޓަރ ކުރުމުގެ ޒިންމާ ޖެންޑާ މިނިސްޓްރީން ނަގަންޖެހޭއިރު، އެ މިނިސްޓްރީން މިކަމަށް އިހުމާލުވެފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މިކަމާ ގުޅޭ ސައްޙަ މައުލޫމާތު އޮޅުވާނުލާ ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
"ޖެންޑަރ މިނިސްޓްރީން ހިންގުމާ ހަވާލުވެ ހުރި މިނިސްޓަރ އަކީ މީގެ ކުރިންވެސް ވ.ރަކީދޫ އިން ވަރަށް އިހާނެތި ގޮތަކަށް މަރާލެވުނު އިބްތިހާލުގެ މައްސަލައިގައިވެސް އިހުމާލުވެފައިވާ ފަރާތެއް. އަދި އެފަދަ ފަރާތަކަށް ޖެންޑަރ ފަދަ މުހިއްމު ވުޒާރާއެއް ޒިންމާދާރު ކަމާއެކު ހިންގިދާނެ ކަމަށް މިޕާޓީން ޤަބޫލެއް ނުކުރަން" އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
މިކަމުގައި ފުރިހަމަ ތަޙްޤީޤެއް ހިންގައި، އިހުމާލުވެފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި މިފަދަ ކަންކަން ރައްޔިތުންނަށް ފޮރުވުމަކީ، ރައްޔިތުންނަށް އިހާނެތިވުން ކަމަށާއި، މި ސަރުކާރުގެ މިފަދަ ޢަމަލުތައް ކުށްވެރިކުރާކަމަށް ވެސް އެޕާޓީން ބުންޏެވެ.
ޝައިމް ގެއްލިފައި ވަނީ ކުޑަކުދިންގެ ހިޔާއިން ކަމެއް ފުލުހުން އަދި ޖެންޑާ މިނިސްޓްރީންނެއް ވެސް ހާމައެއް ނުކުރެއެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުރި ކުއްޖެއް ކަމަށް އޮތް ޑޮކިއުމެންޓަކުންނެވެ. އެކަން ވަނީ ޕީއެންސީން ނެރުނު ނޫސްބަޔާނުގައިވެސް ފާހަގަކޮށްފައެވެ.
ޝައިމް އަކީ ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެއް ކަމަށާއި، ޝައިމް ގެންދެވުނީ އެސެސްމެންޓްތަކެއް ހެދުމަށް ކަމަށް ރޭ ޖެންޑާރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް