ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި މިރޭ ކުޅެވުނު މެޗުން ޕެނަމާގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު މޮޅެއް ހޯދާ، އިންގްލެންޑުން ގަދަ 16 ކަށަވަރު ކޮށްފިއެވެ.
މިރޭގެ މެޗުގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ހެޓްރިކެއް ހަދައި ޖުމްލަ 5 ލަނޑާއެކު ވޯލްޑް ކަޕް ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލިއިރު، މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ހެޓްރިކް ހެދި 3 ވަނަ އިނގިރޭސި ކުޅުންތެރިޔާއެވެ.
އަދި މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި 5 ލަނޑު ފެނިގެން ދިޔައިރު، މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް އެއް ޓީމަކުން މެޗެއްގެ ފުރަތަމަ ހާފުގައި 5 ލަނޑު ޖެހި 5 ވަނަ ފަހަރެވެ. އެންމެ ފަހުން ވޯލްޑް ކަޕްގެ މެޗެއްގެ ފުރަތަމަ ހާފުގައި 5 ލަނޑު ފެނިގެން ދިޔައީ، އެންމެ ފަހުގެ ވޯލްޑް ކަޕްގައި ޖަރުމަނާ ބްރެޒިލް ބައްދަލު ކުރި މެޗުގައެވެ.
ގްރޫޕް ޖީ ގައި ކޮންމެ ޓީމަކަށް ވެސް ބާކީ 1 މެޗު އޮތްއިރު، އިންލެންޑްގެ އިތުރުން ބެލްޖިއަމް ވެސް ވަނީ ގަދަ 16 ކަށަވަރު ކޮށްފައެވެ. ޕެނަމާ އާއި ޓިއުނީޝިއާ ކަޓާފައިވާއިރު، އިންގްލެންޑާއި ބެލްޖިއަމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރާ މެޗު އަދި ކުރިއަށް އޮތީއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންލެންޑުން 5 ލަނޑު ޖެހިއިރު، ހެރީ ކޭން އާއި ޖޯން ސްޓޯން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. ހެރީ ކޭން ޖެހި ދެ ލަނޑު ވެސް ޕެނަލްޓީން ކާމިޔާބު ކުރިއިރު، މި ހާފުގައި ދެން ފެނިގެން ދިޔަ ލަނޑަކީ ޖޭސޭ ލިންގާޑް ޖެހި ލަނޑެކެވެ.
ދެ ވަނަ ހާފުގައި ލޮފްޓަސް-ޗީކް ފޮނުވާލި ހަމަލާއެއް ކޭންގެ ފައިން ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަދެ، އޭނާގެ ހެޓްރިކް ފުރިހަމަވިއިރު، ހެޓްރިކް ހެދިތާ މާކަ ގިނައިރެއް ނުވެ، އޭނާ ވަނީ ބަދަލުކޮށްފައެވެ.
ޕެނަމާ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް، ރިކާޑޮ އަވީލާ ހިލޭ ޖެހުމުން ފޮނުވާލި ބޯޅައިން ބަލޯއީ ޕެނަމާއަށް ލަނޑު ޖަހާ ދިނުމާއެކު އެ ޓީމުގެ ކުޅުންތެރިންނާއި ބެންޗުން އަދި ސްޕޯޓަރުން ވެސް ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ޕެނަމާއަށް ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް