ޗައިނާ ރާއްޖޭގެ ބިމަށް އަތް ގަދަ ކުރަމުންދާ ކަމަށް ބުނެ އިންޑިއާގެ ނޫހެއް ކަމަށްވާ ޓްރިބިއުން އިންޑިއާ އަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ދެއްވާފައިވާ އިންޓަވިއުގައިވާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.
ނަސީމް އެ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ 16 ރަށެއްގައި ޗައިނާގެ މިލިޓަރީ ބޭސް އަޅާފާނެ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ބިންތައް ހޯދަމުން ދަނީ މިލިޓަރީ ބޭސްތައް އަޅަން ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަސީމްގެ ވާހަކަތަކަކީ ރާއްޖެއިން ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ އެ ގައުމުތަކުގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާމެދު ނަފުރަތު އުފައްދަން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ދައްކާފައިވަނީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖެ އާއި ދިވެހިންގެ މަސްލަހަތު ގެއްލޭ އަދި ނުރައްކާވާފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ބުނެފައިވެ އެވެ. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެއަކީ އެންމެ އަމާން ގައުމަށް ހެދުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ރާއްޖެ ބަދުނާމުވާފަދަ ވާހަކަތައް ނުފެތުރުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަސީމްގެ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާއިން ދީފައި އޮތް ދެ ހެލިކޮޕްޓަރު ފޮނުވާލަނީ ޗައިނާއިން އެގޮތަށް އެދޭތީ ކަމަށެވެ.
މީގެ ކުރިންވެސް ނަސީމް ވަނީ މިފަދަ ތަފާޓު އިންޓަވިއުތައް އިންޑިއާގެ ނޫސްތަކަށް ދެއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް