ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ޓެބްލެޓާއި ބެހޭ މައުލޫމާތު ބެލެނިވެރިންނަށް ދޭން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބެލެނިވެރިންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުންތައް ކުރިިޔަށް ގެންދާނީ ކޮންމެ ސްކޫލަކުން ވަކިވަކިން އިންތިޒާމު ކުރާ ބައްދަލުވުންތަކެއްގެ ގޮތުގައި ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ބައްދަލުވުންތައް ބޭއްވުމުގެ ބޭނުމަކީ ދަރިވަރުން ޓެބްލެޓު ބޭނުން ކޮށްގެން ކިޔަވަން ފެށުމުން ބެލެނިވެރިން އެއަށް އަހުލުވެރިވެފައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
މި ބައްދަލުވުންތަކުގައި ޓެބްލެޓުން މައުލޫމާތު ހޯދާނެ ގޮތްތަކާއި ބޭނުންކުރާ އެޕްތަކާއި އެތަކެތި ދަރިވަރުން ބޭނުންކުރާއިރު އެހީތެރިވުމުގެ ގޮތުން ބެލެނިވެރިންނަށް ކޮށްދެވޭނެ ކަންކަން ދަސްކޮށްދިނުން ހިމެނެ އެވެ. އަދި ކުދިން މަސައްކަތް ކުރާ ގޮތުގެ ޓްރެކް ބެލޭނެ ގޮތްވެސް މި ބައްދަލުވުންތަކުގައި ބެލެނިވެރިންނަށް ކިޔައިދޭނެ އެވެ.
ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓު މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަހަން ފަށާފައިވާއިރު ސަރުކާރު ސްކޫލްތަކުގައި މަސައްކަތް ކުރާ 8،459 ޓީޗަރުންނަށް ދެވަނަ ޓާމު ފެށުމުގެ ކުރިން ވަނީ ޓެބްލެޓު ހަވާލުކޮށް ނިންމާފައި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުންނަށް ކުރު މުއްދަތުގެ ކޯހެއް ހިންގައި، އެ ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ އެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދެނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފަ ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް